ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ގައުމީ ފުޓްބޯޅަ ޓީމު ސިންގަޕޫރަށް ފުރައިފިއެވެ.
ގައުމީ ޓީމު ސިންގަޕޫރު މެޗަށް ފުރީ މާލެގައި ފަސް ފަރިތަކުރުމެއް ބޭއްވުމަށްފަހުއެވެ. ސިންގަޕޫރާއިއެކު ރާއްޖެ ކުޅޭ އެކުވެރިކަމުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގައެވެ. މިއީ ސިންގަޕޫރުގެ ދައުވަތަކަށް ކުޅޭ މެޗެކެވެ.
މި ދަތުރުގައި ގައުމީ ޓީމުގެ ކުޅުންތެރިން ސިންގަޕޫރުގައި ފަސްދުވަހު މަޑުކުރާނެއެވެ. އެއަށްފަހު ސިންގަޕޫރުން ދާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް އޮސްޓްރޭލިއާއަށެވެ. އެ މެޗު ކުޅޭނީ 10 ޖޫންގައި އޮސްޓްރޭލިއާގެ ޑާވިންގައެވެ.
ސިންގަޕޫރާ ދެކޮޅަށް ކުޅެން ހަމަޖެހިފަވާ އެކުވެރިކަމު މެޗަކީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.
މި ދެމެޗަށް ސްކޮޑްގައި އަލަށް ހިމަނާފައިވާ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒް އާއި، އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމް އަދި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ.
ގައުމީ ޓީމު ކުޅޭ ދެމެޗަށް ނެގި ސްކޮޑުގައި އަލަށް ތިން ކުޅުންތެރިން ހިމެނިއިރު ގައުމީ ޓީމުން އުނިކޮށްފައިވަނީ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި ޑިފެންޑަރު މުޙައްމަދު ނިޒާމްއެވެ.