ޚަބަރު

ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ބަހަން ފަށައިފި


  • މިހާރުވަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައި

  • މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމަށް ސްރީލްންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓްތަކަށް ބަހަން ފަށައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ހައިވަކަރު ގަސް އިންދުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމަށް އެ ވުޒާރާއިން ޝުކުރުވެރިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ހައިވަކަރު ގަސްތައް ރާއްޖޭގެ އެކިރިސޯޓުތަކުގައި އިންދުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ފައިދާތަކެއް ކުރާނެކަމަށް އުއްމީދުކުރެވޭކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ރިސޯޓުތަކަށް އެގަސްތައް ހަދިޔާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކު މިހާރުވަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައިކަމަށާއި، މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތްކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން، މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށްދާކަމަށާއި، ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާ، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެއެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވާފައިވާކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، މ އަތޮޅާއި، ރ. އަތޮޅު އަދި ށ. އަތޮޅުގައި މިމަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 565000ގަސް އިންދިފައިވެއެވެ.