މި މަހުގެ 15 ވަނަ ދުވަހު ފަށާ ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުރިން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗަށް އަނިޔާވެ، މުބާރާތުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އުމުރުން 31 އަހަރުގެ ކްރޮއޭޝިޔާ މިޑްފީލްޑަރުގެ ފައިތިލައިގެ ކަށިގަނޑެއް ވަނީ ހަލާކުވެފަ އެވެ. އޭނާ އަށް މި އަނިޔާވުމުގެ ސަބަބުން އިނގިރޭސި ޕްރެމިއާ ލީގުގެ ފަހު މެޗާއި އިނގިރޭސި އެފްއޭކަޕުގައި ކްރިސްޓަން ޕެލަސްއާއެކު ކުޅުނު މެޗުގައި ވެސް ނުކުޅެވުނެވެ.
އޭނާގެ ކުލަބު ސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަނިޔާއިން އަރައިގަތުމަށް ކޮވަސިޗް އޮޕަރޭޝަން ކުރަންޖެހޭ ކަމަށެވެ. އަދި ލަސްތަކެއް ނުވެ އެކަން ކުރަން ކުލަބާއި ކުޅުންތެރިޔާ ވަނީ ތައްޔާރުވެފައި ކަމަށެވެ.
"މަޓެއޯ ކުލަބުގައި މަޝުކުރާނީ އޭނާގެ އޮޕަރޭޝަނަށް ފަހު ސީޒަނަށް ފިޓްވުމަށް. އޭނާ ހޫނު މޫސުން ހޭދަކު ރާނީ ކުލަބުގައި،" ސިޓީގެ ބަޔާނުގައިވެ އެވެ.
ކޮވަސިޗް ނެތުމަކީ ކުލަބު ވޯލްޑްކަޕަށް ނުކުންނައިރު ސިޓީގެ މެދުތެރެ އަށް ކުރިމަތިވާނެ އިތުރު މައްސަލަ އެކެވެ. އެއީ ކެޕްޓަން އަދި އިތުބާރު މިޑްފީލްޑަރު ކެވިން ޑެބްރޫނޭ ކުލަބު ވޯލްޑް ކަޕުގައި ނުކުޅެން ވިސްނަމުންދާތީ އެވެ. ޑެބްރޫނާ މި މުބާރާތުގައި ނުކުޅެން ވިސްނަނީ މި މަހަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވާތީ އެވެ. އަދި މިއަށް ފަހު އެހެން ކުލަބަކަށް ބަދަލުވުމަށް އޭނާ ވަނީ ތައްޔާރުވަމުންނެވެ. އެއީ އިނގިރޭސި ކުލަބެއް ނުވަތަ އިޓަލީގެ ނަޕޯލީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
މީގެ އިތުރުން ޖޭމްސް މެކްއަޓީ ވެސް މި މުބާރާތުގައި ނުކުޅެވޭނެ އެވެ. އެއީ އިނގިރޭސި 21 އަހަރުގެ ދަށުގެ ގައުމީ ޓީމުގެ މެޗުތަކެއްގައި ބައިވެރިވާން ޖެހޭތީ އެވެ.
ނަމަވެސް ސިޓީން އުއްމީދު ކުރަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮޑްރީ މުޅިން ފިޓްވެގެން މި މުބާރާތުގައި ކުޅޭނެ ކަމަށެވެ. ހުސްވި ސީޒަން ނުފަށީސް އަނިޔާވި ކުޅުންތެރިޔާ މިހާރު އަންނަނީ މުޅީން ފިޓްވަމުންނެވެ.
ސިޓީގެ މެދުތެރެ ހާ އަޅާތީވެ އެ ކުލަބުން އަންނަނީ މޮޅު މިޑްފީލްޑަރުންތަކެއް ގަތުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން އޭސީ މިލާނުގެ ނެދަލޭންޑްސް މިޑްފީލްޑަރު ރެއިންޑާސް ގަތުމަށް ސިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު އެ ކުލަބުން އުއްމީދު ކުރަނީ ކުލަބު ވޯލްޑްކަޕް ފެށޫމުގެ ކުރިން އޭނާގެ ކޮންޓްރެކްޓް ފައިނަލް ކުރެވޭނެ ކަމަށެވެ.