1446 ވަނަ އަހަރުގެ އަޟުޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ރަށްރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކަކީ އިސްލާމީ ތަރަހައިގެ ތެރެއިން އަދި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ހިންގާ ހަރަކާތްތަކެއްކަން ކަށަވަރުކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކަމާއި ބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އަޟުޙާ ޢީދަކީ ދިވެހި ޤައުމަށާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި، އެހާމެ އުފާވެރި މުނާސަބަތަކަށްވާއިރު، ޒަމާނުންސުރެ މިމުނާސަބާ ދިވެހިން ކުލަގަދަކޮށް ފާހަގަކުރާ ކަމަށެވެ. އެހެންނަމަވެސް އިސްލާމީ އުޞޫލުތަކާއި ޙުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތައް ރާވައި ހިންގުން މުހިންމުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމާއި ދިވެހި ކުދިބޮޑު އެންމެން ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ކަމަށެވެ. އެގޮތުގެ މަތިން މި އަހަރުވެސް ޢީދު ފާހަގަކުރާއިރު، އިސްލާމީ ތަރަހައިގެ ތެރެއިން ޢަމަލު ކުރުމަށް އެވުޒާރާއިން އިލްތިމާސްކުރެއްވިއެވެ. އަދި މިފަދައިން ހަރަކާތްތައް ކުރިއަށްގެންދޭތޯ ކަށަވަރުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެ ވުޒާރާއިންވަނީ އަންގަވާފައެވެ.
މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 6 ވާ ހުކުރުދުވަހެވެ.