ރާއްޖޭގެ ކުޅިވަރު އޮނިގަނޑަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަށް ޖެހޭ ކަމަށާއި، އެގޮތުން ޕްލޭ ގްރައުންޑުން ފެށިގެން ޕޯޑިއަމާ ހަމައަށް ކުރިއެރުންތަކެއް ގެންނަން ޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) ގެ ކޮންސަލްޓަންޓް އިބްރާހީމް ނާހިދު ބުނެފިއެވެ.
ކުޅިވަރު ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނާހިދު ބުނީ ރާއްޖޭން މި ވިސްނަނީ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ އޮނިގަނޑަކަށް އަމަލުކުރަން ފަށަން ކަމަށެވެ.
"އެހެންކަމުން އެ އޮނިގަނޑަށް ވަރަށް މުހިންމު އެއަށް ޤާނޫނީ ބާރުވެރިކަމެއް ދިނުން. ދެން މި ގާނޫނު ބަދަލުވެގެން އައުމާއެކީގައި އެކަން ވެގެންދާނެ ކަމަށް ގަބޫލުކުރަނީ" ނާހިދު ބުންޏެވެ.
މިއާއެކީ މިހާރު މި ފެށިގެންދާ މޯލްޑިވްސް ސްޕޯޓްސް ޑިވެލޮޕްމެންޓް ޕްލޭންގައި ހުރި މައިގަނޑު ލަނޑުދަޑިތަކާއި އަދި އޭގަ ހުރި މައިގަނޑު މަސައްކަތްތަކަށްވެސް ގާނޫނީ ބާރުވެރިކަން ލިބިގެންދާނެ ކަމަށް ދެކޭ ކަމަށް ނާހިދު ބުންޏެވެ.
އެހެންވީމަ ބޮޑެތި އިންޓަނޭޝަނަލް މުބާރާތެއްގެ ޕޯޑިއަމުން އަޅުގަނޑުމެންގެ އެތުލީޓުން ނިންމަން ބޭނުންވެފައި ތިބުމާއެކީ މި ދެކެނީ ވަރަށް މުހިންމު ބަދަލެއްކަމަށް އަދި މީ ވަރަށް ދިގު ދަތުރެއްގެ ފެށުމެއްކަމަށް މި ދެކެނީ" ނަހީދު ބުންޏެވެ.
ނާހިދަކީ ކުޅިވަރު މެނޭޖްމެންޓްގެ ދާއިރާއިން ރާއްޖޭން ބޭރުން ތައުލީމު ހާސިލުކޮށްފައިވާ ކުޅިވަރު މެނޭޖްމެންޓް ދާއިރާގެ ތަޖްރިބާކާރެކެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ބާސްކެޓް ކުލަބު ޓީރެކްސް އުފެދިގެން އައިއިރު އެ ޓީމުގެ ކޯޗެކެވެ.
މިހާރުވެސް ކުޅިވަރަށް ހިދުމަތް ކުރަމުން އަންނަ ނާހިދު ގެންދަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ފަންނީ ލަފާދެމުންނެވެ. އަދި ކުޅިވަރު ޤާނޫނު އިސްލާހުކުރުމުގައިވެސް އޭނާގެ ތަޖްރިބާ އާއި ފަންނީ ލަފާ ހިއްސާކޮށްފައިވެއެވެ.