ސިއްހަތު

ކާޑިއެކް ސެންޓަރުގެ ޚިދުމަތާމެދު ޢާއްމުންގެ އިތުބާރު އެބައޮތް...


ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުން ކުރަމުން އަންނަ ހޭދަ ކުޑަކުރުމާއިއެކު،ރާއްޖޭގައި ތިބެގެން ހިތުގެ ފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ޢަމާޒު ހިއްޕަވާފައެވެ. ސަރުކާރުގެ މިމަސައްކަތުގެ ދަށުން އިންޑިއާގެ މެޑްޓްރީނާ ހޮސްޕިޓަލުގެ ފަންނީ އެހީތެރިކަމާއެކު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުގެ ޖޫންމަހުގެ ފަސްވަނަ ދުވަހު ވަނީ ޒަމާނީ ކާޑިއެކް ސެންޓަރެއް ޤާއިމް ކުރައްވާފައެވެ. އައި.ޖީ.އެމް އެޗްގެ މައި އިމާރާތުގެ ތެރޭގައި "ނެޝަނަލް ކާޑިއެކް ސެންޓަރު"ގެ ނަމުގައި ޤާއިމްކުރެއްވި،މިސެންޓަރުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަނީ ހިތުގެ ޚާއްޞަ ފަރުވާދެމުންނެވެ.

އެގޮތުން،ފާއިތުވެ ދިޔަ 3 ހަފްތާގައި ނެޝަނަލް ކާޑިއެކް ސެންޓަރުގެ ކެތު ލެބުގައި ހިތުގެ ފަރުވާގެ 40 ޕްރޮސީޖަރެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ، އެންޖިއޯގްރާމާއި އެންޖިއޯ ޕްލާސްޓީއެވެ. އައި.ޖީ.އެމް ހޮސްޕިޓަލުގެ އަމާޒަކީ ، ހިތުގެ ބަލިތަކަށްދޭ އެންމެހައި ފަރުވާއަކާއި، އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމެވެ.

ނެޝަނަލް ކާޑިއެކް ސެންޓަރުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި އަދި އެސެންޓަރު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ޕީ.އެސް.އެމް ނިއުސްއާ ހިއްސާ ކުރައްވަމުން އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީ.އީ.އޯ، ފަރުހަތު ޝަހީރު ވިދާޅުވީ، ކާޑިއެކް ސެންޓަރުން ހިތުގެ ފަރުވާ ދެއްވަން ފެއްޓެވުމާއެކު، މި ޚިދްމަތަށް ބޭނުންވެފައިވާ މީހުންގެ ނިޞްބަތް ރާއްޖޭގައި ވަރަށް ގިނަކަން އެގިގެން ހިނގައްޖެ ކަމަށެވެ. ފަރުހަތު ވިދާޅުވީ،އެންޖިއޯގްރާމާއި ،އެންޖިއޯޕްލާސްޓީ ހެދުމަށް ލިސްޓުކުރެވިފައިވާ މީހުންގެ ޕްރޮސީޖާތައް މިހަފްތާގެ ތެރޭގައި ނިންމާލެވޭނޭކަމަށެވެ. އަދި މިހާރު ހަމައެކަނި އެންޖިއޯގްރާމާއި، އެންޖިއޯ ޕްލާސްޓީ ހެދި ނަމަވެސް މުސްތަޤްބަލުގައި ހިތުގެ އެހެން ފަރުވާ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގައި ތިބެގެން ދިވެހި ރައްޔިތުންނަށް ހިތުގެ ފަރުވާގެ އެންމެހައި ޚިދްމަތް، ނެޝަނަލް ކާޑިއެކް ސެންޓަރުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނޭ ކަމަށް ފަރުހަތު ވިދާޅުވިއެވެ.

"އެންޖިއޯގްރާމާއި،އެންޖިއޯޕްލާސްޓީ ހެދުމަށް ލިސްޓުކުރެވިފައިތިބި މީހުންގެ ޕްރޮސީޖާރަތައް ނިންމާލުމަށް މިހާރު އެންމެ އިސްކަމެއް މިދެނީ.އިރާދާ ކުރެއްވިއްޔާ މިހަފްތާގެ ތެރޭގައި ބެކްލޮގް ނިންމާލެވޭނެ. އޭރުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކާޑިއެކް ސެންޓަރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ދެން ދަތިކަމެއް ނެތި މި ފަރުވާތައް ހޯދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ. ޖުމްލަގޮތެއްގައި ދަންނަވާނީ،މިހާރު އެންޖިއޯގްރާމާއި،އެންޖިއޯޕްލާސްޓީ އެކަނި ހެދިކަމުގައިވިޔަސް،ހިތުގެ ބައްޔަށްދޭ އިތުރު ފަރުވާއާއި އޮޕަރޭޝަންތައް ކުރުމަށް މިހާރު މިދަނީ ތައްޔާރުވަމުން.ފަށައިގަތުމުގެ ގޮތުން މިދެ ޕްރޮސީޖަރ ކުރިޔަށްގެންދިޔަނަމަވެސް، މުސްތަޤްބަލުގައި އިތުރުފަރުވާ ތަޢާރަފް ކުރާނަން.އުންމީދަކީ ދިވެހި ރައްޔިތުންނަށް ރާއްޖޭގައި ތިބެގެން،ހިތުގެ ހުރިހައި ފަރުވާއެއް ލިބޭނޭ އިންތިޒާމް ކާޑިއެކް ސެންޓަރުގެ ތެރެއިން ހަމަޖެހިގެން ދިއުން." އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ފަރުހަތު ޝަހީރު ވިދާޅުވިއެވެ.

ކާޑިއެކް ސެންޓަރުގައި މިހާރު ހިތުގެ ބައްޔަށް ޚާއްޞަ  ފުލްޓައިމް ތިން ޑޮކްޓަރުން ޙަރަކާތްތެރިވެއެވެ. މީގެ ތެރޭގައި ، ހިތުގެ ބަލީގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކުވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް،އެންޖިއޯގްރާމާއި އެންޖިއޯޕްލާސްޓީ މިހާރު ކުރިޔަށް ގެންދަވަނީ، މެޑްޓްރީނާ ހޮސްޕިޓަލުން ސީދާ މި ޕްރޮސީޖަރތައް ހެދުމަށް ކޮންމެ ހަފްތާ ބަންދަކު ވަޑައިގަންނަވާ އެހޮސްޕިޓަލުގެ ހިތުގެ ބަލީގެ ޚާއްޞަ ޑރ.ޕްރަތާބެވެ.

ނެޝަނަލް ކާޑިއެކް ސެންޓަރުގެ ކަންކަން ބެލެހެއްޓެވުމުގައި މިހާރު އެންމެ އިސް ދައުރެއް އަދާކުރައްވާ، ސީނިއަރ ކޮންސަލްޓެންޓް އިން ކާޑިއޯލޮޖީ، ޑރ. އަލީ ޝާފީޤް ވިދާޅުވީ، ކާޑިއެކް ސެންޓަރުގައި ހިތުގެ ފަރުވާދޭން ފެށި ދުވަސްވަރު، ޢާއްމުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެހެންނަމަވެސް ފާއިތުވީ ތިން ހަފްތާގެ ޕްރޮސީޖާރތަކަށްފަހު ޢާއްމުންގެ އިތުބާރު ބޮޑުވެ، ކާޑިއެކް ސެންޓަރަށް ފަރުވާ ހޯދަން އަންނަ ބަލި މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށެވެ. އެހެންކަމުން މިއީ އިތުރު ފަރުވާތަކަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

" ހިތުގެ ފަރުވާ ފެށިއިރު ގިނަ ފޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރި.ރާއްޖޭގައި މިކަން ކުރެވިދާނެކަމާމެދު،ސުވާލު އުފެއްދި. ފުރަތަމަ ހަފްތާގައި ފަރުވާ ހޯދަން ޖެހިލުންނަމަވެސް،މިހާރު ޕޭޝަންޓުން އެއްވެސް ޖެހިލުމެއް ނުވޭ. އަޅުގަނޑުމެންނަށް ކުރާ އިތުބާރު ބޮޑު. އަޅުގަނޑުމެންގެ ޓީމަށް އިތުބާރުކޮށް،ކާޑިއެކް ސެންޓަރުގައި ގިނަ އަދަދެއްގެ ހިތުގެ ބަލި މީހުން ފަރުވާ ހޯދާތީ ވަރަށް އުފާވޭ. ޕޭޝަންޓުންގެ ފީޑްބެކްވެސް ވަރަށް ރަނގަޅު. ހުރިހައި ޕޭޝަންޓުންވެސް ގެއަށް ވަޑައިގަންނަވަނީ،ވަރަށް ބޮޑު ހިތްހަމަޖެހުމާއެކުގައި.އިރާދާ ކުރެއްވިއްޔާ، ކާޑިއެކް ސެންޓަރުގެ ޚިދްމަތާމެދު، ޢާއްމުންގެ އިތުބާރު އެބައޮތް." އައި.ޖީ.އެމް.އެޗް ސީނިއަރ ކޮންސަލްޓެންޓް އިން ކާޑިއޯލޮޖީ،ޑރ އަލީ ޝަފީޤް ވިދާޅުވިއެވެ.

  އައި.ޖީ.އެމް.އެޗުގައި މިއަދު އެކަނިވެސް ސޯޅަ މީހަކަށް ހިތުގެ ފަރުވާ ދޭން ހަމަޖެހިފައިވާއިރު، މާދަމާވެސް ދިހަ މީހަކަށް ހިތުގެ ފަރުވާ ދިނުމަށް ވަނީ ތާވލް ކުރައްވާފައެވެ. އައި.ޖީ.އެމް.އެޗުގެ އޯ.ޕީ.ޑީއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ތިރީސް މީހުން ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރަށް ދައްކައެވެ. އެވްރެޖްކޮށް ހަފްތާއެއްގެ މައްޗަށް ތިން  މީހުންނަށް ހާޓް އެޓޭކް ޖެހިގެން ފަރުވާ ދޭން ޖެހޭ ކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ.

ނެޝަނަލް ކާޑިއެކް ސެންޓަރ ޤާއިމް ކުރެއްވުމުގެ ކުރިން ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް ހަފްތާއަކު އެވްރެޖްކޮށް ތިން މީހުން އާސަންދަ މެދުވެރިކޮށް ރައްޖެއިން ބޭރަށް ފަރުވާހޯދުމަށް ފޮނުވާކަން އައި.ޖީ.އެމް.އެޗްގެ ރިކޯޑްތަކުން ދައްކައެވެ.