4 ގަޑިއިރަށްފަހު މާލެ ސަރަހައްދަށް ކަރަންޓުދޭން ފަށައިފިއެވެ. މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 އެހާ ކަންހާއިރުއެވެ.
ކަރަންޓު ދިއުމާއެކު ކަރަންޓު ކެނޑުނު މައްސަލަ ދެނެގަތުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ފެށިއެވެ. ޖަނަރޭޓަރުތަކުގެ ޗެކަޕް ހެދުމަށްފަހު، މާލޭގެ އެކި ސަރަހައްދުތަކަށް 2 ޖަހާ އެހާކަންހާއިރުން ފެށިގެން ކަރަންޓުދޭން ފެށިއެވެ.
ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން މާލެ ސަރަހައްދަށް ކަރަންޓުދޭ ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކެނޑުނީ ކަރަންޓް ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކަރަންޓު ކެނޑުނު ނަމަވެސް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ފޯރުކޮށްދޭން ޖެހުނު އެއްވެސް ފަރުވާއަކަށް ބުރުއަރާފައިނުވާކަމަށް ސީއީއޯ ޢަބްދުލްރައްޒާޤު ޙަލީމްވަނީ ވިދާޅުވެފައެވެ. ސީއީއޯ ވިދާޅުވީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްގައި ހިމެނޭ ވިލިނގިލީ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ތަނަކުން ކަރަންޓު ދިޔަކަމަށެވެ. އެއާއެކު ބެކަޕް ޖަނަރޭޓަރު ސެޓުތައް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ޚިދުމަތްތަކަށް ބުރުނާރާނެހެން ކަރަންޓު ދޭން ފެށިކަމަށް ވިދާޅުވިއެވެ.
ކަރަންޓު ކެނޑުމާއެކު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އަންގަވާފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން…
— Dr Mohamed Muizzu (@MMuizzu) June 1, 2025
ކަރަންޓު ކެނޑުނު މައްސަލަ ހިނގި ގޮތް ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް މިހާރު ވަނީ ތަޙުޤީޤެއް ފަށާފައެވެ. ކަރަންޓު ކެނޑުމާ ގުޅިގެން އެމްޓީސީސީން ވަނީ ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ ޓިކެޓިން ޚިދުމަތަށް ބުރުއެރުމުގެ ސަބަބުންނެވެ.