ޚަބަރު

ޖޮކޮވިޗް ފްރެންޗް އޯޕަންގެ ހަތަރުވަނަ ބުރަށް


ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ސާބިޔާގެ ޖޮކޮވިޗް މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އޮސްޓްރިއާގެ ފިލިޕް މިސޮލިޗް އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް, ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުން ޖޮކޮވިޗް މޮޅުވުމާއިއެކު އޭނާ ވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި 99 މެޗުން މޮޅުވެފަ އެވެ.

ތިން ފަހަރު މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޖޮކޮވިޗް މަސައްކަތް ކުރަމުންދަނީ އޭނާގެ 25 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުނު ވަގުތު ކުޅެމުންދިޔަ މި މެޗު ބެލުމަށް ސާޅީސް ހާސް މީހުން ދަނޑަށް ވަދެފައިވާއިރު ޖޮކޮވިޗް ބުނެފައިވަނީ މި މެޗަށްފަހު އޭނާ އެނބުރު ހޮޓަލަށް ދާނެ ގޮތަކާއިމެދު ވިސްނަން ޖެހުނު ކަމަށެވެ. އެއީ ޗެމްޕިއަންސް ލީގު ޕީއެސްޖީން ކާމިޔާބު ކުރުމާއެކު ޕެރިހުގެ މަގުތަކަށް އެ ކްލަބުގެ ސަޕޯޓަރުން ނިކުމެ އުފާ ފާޅުކުރުމާއި ގުޅިގެންނެވެ.

މި މުބާރާތުގައި އިއްޔެ ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ ކުޅުނު މެޗު އޭނާ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފަ އެވެ.

ސިނާ ހަތަރު ވަނަ ބުރުން ޖާގަ ހޯދާފައިވަނީ ޖިރީ ލެހެކާ އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއިއެކު ހައެއް ސުމެއް, ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.