ކުޅިވަރު

ޕީއެސްޖީއަކީ މިހާރު ވަރަށް އެކުވެރި ޓީމެއް: މާކީނިއޯސް


ކުރިއާ ޚިލާފަށް ޕީއެސްޖީއަކީ މިހާރު ވަރަށް އެކުވެރި ޓީމެއް ކަމަށް ކެޕްޓަން މާކީނިއޯސް ބުނެފިއެވެ.

ބްރެޒިލްގެ އިތުބާރު ޑިފެންޑަރު މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ކުޅެން ނުކުތުމަށް ތައްޔާރުވަމުންނެވެ.

މީގެ ދެ އަހަރު ކުރިން ޕީއެސްޖީގައި އޮތީ ވަރަށް ވަރުގަދަ ޓީމެކެވެ. ޚާއްސަކޮށް ފޯވަށް ލައިނުގައެވެ. ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތިބި ނަމަވެސް، އެ ކުޅުންތެރިން ތިބެ ޗެމްޕިއަންސް ލީގު ނުލިބުނުއިރު ފައިނަލަށްވެސް ގޮސްފައެއް ނުވެއެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މާކީނިއޯސް ބުނީ އޭރުގެ ޓީމާ އަޅާ ބަލާއިރު މިހާރު މުޅި ޓީމަކީ ވެސް ވަރަށް އެކުވެރި ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.

"މިހާރު މިއީ ޓީމެއް. ވަކިވަކި ކުޅުންތެރިން ތަކެއް ނޫން. މި ޓީމުގައި ހިމެނޭތީވެ އަހަރެން އުފާ ކުރަން. މި ޓީމުގެ މެމްބަރަކަށް ވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" މާކީނިއޯސް ބުންޏެވެ.

އޭނާ ބުނީ މިއީ ޕީއެސްޖީގައި މި ތަށި ހޯދަން އޭނާ އަށް ލިބޭ ދެ ވަނަ ފުރުސަތު ކަމަށާއި މިހެންވެ ކުރީގެ ފައިނަލަށްވުރެ ބޮޑަށް މި މެޗަށް ތައްޔާރުވާނެ ކަމަށެވެ.

މި މެޗުން މޮޅުވެ، ޕީއެސްޖީ އަށް ތަށި ލިބިއްޖެނަމަ މި ސީޒަނުގައި އެ ޓީމަށް ތިން ތަށި ހާސިލުކުރެވޭނެ އެވެ. އެއީ މިހާރު ވެސް ފްރެންޗް ކަޕާއި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދާފައިވާތީ އެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ މި ސީޒަނުގެ އެންމެ މޮޅު ޓީމަކަށް ވާނީ ވެސް ޕީއެސްޖީ އެވެ.