ޚަބަރު

އެމެރިކާއިން ހުށަހެޅީ އަސީރުންނާއި ޤައިދީން ބަދަލުކޮށް، 60 ދުވަހަށް ޣައްޒާގައި ޙަމަލާތައް ހުއްޓައިލަން


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޙަމަލާތައް 60 ދުވަހަށް ހުއްޓާލައި، ޙަމާސް ޖަމާޢަތުގެ ބެލުމުގައި ދަށުގައި ތިބި 28 އަސީރުންނާއި ޔަހޫދީންގެ ޖަލުތަކުގައި ތިބި 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަން ކުރުމުގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅާފައިވާކަން ހާމަވެއްޖެއެވެ.

ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދަޢުރު އަދާކުރަމުންދާ މިޞްރާއި ޤަތަރުގެ ރުހުމާއެކު، އެމެރިކާއިން ހުށަހަޅާފައިވާ ޕްލޭނުގައި ޔަހޫދީންގެ ޖަލުތަކުގައި ނުހައްޤުން ބަންދުކޮށްފައިވާ 1،236 ޤައިދީންނާއި 180 ފަލަސްޠީނުގެ ރައްޔިތުންގެ ހަށިތައް އާއިލާތަކާ ޙަވާލުކުރަން ހިމަނާފައިވާކަމަށް ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެ އެއްބަސްވުމަށް ޔަހޫދީންނާއި ޙަމާސްއިން އެއްބަސްވުމާއެކު، ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ހުޅުވާލެވި، އދ. އާއި ރެޑްކްރެސެންޓު ފަދަ ބައިނަލްއަޤްވާމީ އެހީ ދޭ ޖަމްޢިއްޔާތަކުން، ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީ ބެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވެސް އެ ޕްލޭނާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ.

ޣައްޒާގައި ޙަމަލާތައް ހުއްޓައިލަން އެމެރިކާއިން ހުށަހަޅާފައިވާ އެ ހުށަހެޅުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އެއްބަސްވެފައިވާ ކަމަށް ވައިޓް ހައުސްއިން އިއްޔެ ބުންޏެވެ.

ޙަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނާޢިމް ވިދާޅުވި ގޮތުގައި، އެމެރިކާގެ އެ ހުށަހެޅުމުގައި ވެސް ޣައްޒާގެ ރައްޔިތުންގެ ހައްޤުތައް އެކަށީގެންވާ ގޮތެއްގައި ހިމާޔަތް ކުރުމުގެ ފުރުޞަތު ލިބިދީފައިނުވާ ކަމަށެވެ.

މިގޮތުން، ޙަމަލާތައް ހުއްޓާލާފައިވާ އޮންނަ މުއްދަތުގައި ވެސް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން ޔަހޫދީންގެ ހިންގަމުންދާ ޤަތުލުއާންމު ހުއްޓުވޭނެކަމުގެ ޔަޤީންކަމެއް އެ ހުށަހެޅުމުގެ ތެރެއިންވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޙަމާސްގެ އިސް ވެރިން ވަރަށް ޒިންމާދާރުކަމާއެކު، ތަފްޞީލީ ގޮތެއްގައި އެމެރިކާގެ އެ ހުށަހެޅުން ދިރާސާކުރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

އެމެރިކާގެ މި ޕްލޭނަށް ދެ ފަރާތުން އެއްބަސްވުމާއެކު، ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ އަސްކަރީ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލެވޭނެއެވެ.

އަދި އެ 60 ދުވަހުގެ ތެރޭގައި، ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ، ޙަމަލާތައް ހުއްޓައިލުމުގެ މި އެއްބަސްވުން އިތުރުކުރުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ވަނީ ސިފަކޮށްފައެވެ. ބައިނަލްއަޤްވާމީ ފިއްތުންތަކާ ގުޅިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން އަލުން ދީފައި ވަނީ 11 ހަފުތާއަށް ފަހުއެވެ. ނަމަވެސް، އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީއަށެވެ.

ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ޖީއެޗްއެފްގެ ބެލުމުގެ ދަށުންނެވެ. އެމެރިކާއިން ޤާއިމު ކޮށްފައިވާ އެ ޖަމުޢިއްޔާއިން ވަނީ އެހީގެ ސާމާނު ބެހުމަށް ތިންވަނަ މަރުކަޒެއް ޣައްޒާގައި ޤާއިމު ކޮށްފައެވެ. މިހާތަނަށް 1.8 މިލިޔަން ކެއުން ބަހާފައިވާނެ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެފައިވާއިރު، އދއާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ދަނީ ޖީއެޗްއެފާ ގުޅިގެން މަސައްކަތް ކުރުމަށް އިންކާރު ކުރަމުންނެވެ. ސަބަބަކީ، އެހީ ބެހުމުގައި ޖީއެޗްއެފުން އަމަލު ކުރަމުންދާ އިންސާނިއްޔަތު ކަމެއް ނެތް އުސޫލުތަކެވެ.