ކުޅިވަރު

އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓަށް ވިއްސާރައިގެ އަސަރު


ފުވައްމުލަކުގައި މިހާރު ކުރިއަށްގެންދާ މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓަށް ވިއްސާރައިގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުން އަދި މާލޭގެ ގިނަ ސްކޫލްތަކަކުން ދަރިވަރުން ވާދަކުރާ އެތްލެޓިކްސް މީޓްގެ ގިނަ އިވެންޓްތަކެއް ވަނީ ވިއްސާރަވުމުގެ ސަބަބުން ތާވަލާ އެއްގޮތަށް ކުރިއަށް ނުގެންދެވި ފަސްކޮށްފައެވެ. ފުރަތަމަ ދުވަހު ހެނދުނު އިވެންޓްތައް ކުރިއަށްގެންދިޔަ ނަމަވެސް އެދުވަހު ހަވީރުގެ އިވެންޓްތައް ފަސްކުރީ ހުޅުވުމުގެ ރަސްމިއްޔާތާވެސް އެކުގައެވެ. 

އިއްޔެ ހެނދުނު އިވެންޓްތައް ކުރިއަށްގެންދިޔަ ނަމަވެސް ހަވީރުގެ އިވެންޓްތައްވެސް ފެށުނީ ގަޑިއެއެްހާއިރު ފަހުންނެވެ. އޭގެފަހުންވެސް ވިއްސާރައިގެ ސަބަބުން ދޭތެރެ ދޭތެރެއިން އިވެންޓްތައް މެދު ކަނޑާލައި، ބައެއް އިވެންޓްތައް ފަސްކުރަން ޖެހުނެވެ. ނަމަވެސް މިހާތަނަށް އައިއިރު ގިނަ އިވެންޓްތަކެއް ވަނީ ނިމިފައެވެ. 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ޝޮޓް ޕުޓުން އެއްވަނަ ހޯދީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ނަބީހާ ޖަލީލްއެވެ. ދެވަނަ ހޯދީ ހުވަދޫ ސްކޫލްގެ ނަފްހާ ތައުފީޤްއެވެ. ތިންވަނަ ހޯދީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ޖުމީނާ ނާފިޒުއެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޝޮޓް ޕުޓުން އެއްވަނަ ހޯދީ ގދ.އަތޮޅު މަދަރުސާގެ އަހުމަދު ނާހިލްއެވެ. ދެވަނަ ހޯދީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ޒަޔާން އިބްރާހީމްއެވެ. ތިންވަނަ ހޯދީ ގދ.އަތޮޅު މަދަރުސާގެ އަލީ ދާނިމް ފަތުހުﷲ އުސްމާންއެވެ.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ޝޮޓްޕުޓްއިން އެއްވަނަ ހޯދީ ގދ.އަތޮޅު މަދަރުސާގެ އަންޖަލީ އިބްރާހީމް މަނިކުއެވެ. ދެވަނަ ހޯދީ އެސްކޫލްގެ ނިލްފާ އިބްރާހީމްއެވެ. ތިންވަނަ ހޯދީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ފަޠިމަތު ޖުމާ ޝަޖުމީއެވެ.

11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕުން އެއްވަނަ ހޯދީ ގދ.އަތޮޅު މަދަރުސާގެ ޒިނާން އަހުމަދު ރަޝީދުއެވެ. ދެވަނަ ހޯދީ ތިނަދޫ ސްކޫލްގެ އިބްރާހީމް ނާހިލް ނިޒާރުއެވެ. ތިންވަނަ ހޯދީ ފުވައްމުލަކު ސްކޫލްގެ މުޙައްމަދު ހައިކަލްއެވެ.

11 އަހަރުން ދަށުގެ އަންހެން ކުދިންެގެ ސޮފްޓް ބޯލްއިން އެއްވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލްގެ އައިމިނަތު ސާއީ ޝާހިދުއެވެ. ދެވަނަ ހޯދީ ފުވައްމުލަކު ސްކޫލްގެ ހައްވާ މަލާހާ ޖައުފަރުއެވެ. ތިންވަނަ ހޯދީ ގދ.އަތޮޅު މަދަރުސާގެ އާޔާ އަހުމަދުއެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޑިސްކަސް ތްރޯއިން އެއްވަނަ ހޯދީ ދ.އަތޮޅު މަދަރުސާގެ އަހުމަދު ނާހިލްއެވެ. ދެވަނަ ހޯދީ އެސްކޫލްގެ އަލީ ދާނިން ފަޠުހުﷲއެވެ. ތިންވަނަ ހޮދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ޖަނާހު އަލީއެވެ.