ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނަސް އިންޓަރ މިލާނުގެ ކޯޗު ސިމޯން އިންޒާގީ، އެ ޓީމު ދޫކޮށްލުން ގާތް ކަމަށް އިޓަލީގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.
އޭނާގެ ކުރިމަގާމެދު ބަހުސް ކުރެވެން ފެށީ ސައޫދީ އަރަބިއްޔާގެ ކުލަބުތަކުން އޭނާ އަށް ކޯޗުކަން ހުށަހެޅުމުންނެވެ. މިއިން ކޮންމެ ހުށަހެޅުމަކީ އިންޓަރއިން މިހާރު އޭނާ އަށް ދޭ މުސާރައަށްވުރެ ހުރިހާ ގޮތަކުން ބޮޑު މުސާރަ ލިބޭ ވަޒީފާތަކެކެވެ. މީގެ އިތުރުން ވާދަވެރި ޔުވެންޓަސްއިން އޭނާގެ އެހީ ހޯދަން ބޭނުންވާ ކަމަށް ބުރާސްފަތި ދުވަހު އަޑުއަރައިގެން ދިޔަ އެވެ.
މިކަމާ ބެހޭ ގޮތުން އިންޒާގީ ބުނީ އޭނާ ކުރިމަގާމެދު ގޮތެއް ނިންމާލީ ހޮނިހިރު ދުވަހުގެރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު ކަމަށެވެ.
"އެ މެޗަށް ފަހު އެއީ ރަނގަޅު ވަގުތެއް ނަމަ އަހަރެން ކުލަބާއެކު އިށީންނާނަން މި ކަމާ މަޝްވަރާ ކުރަން. އަހަރެން އަދި ވަކި ގޮތެއް ނުނިންމަން. އިންޓަ މިލާނުގައި ކޯޗުކޮށްދިނުމަކީ އަހަރެންނަށް ލިބޭ އުފަލެއް. މި ކުލަބާއި އަހަންނާ ދެމެދު އެއްވެސް މައްސަލަ އެއް ނެތް،" އިންޒާގީ ބުންޏެވެ.
އުމުރުން މިހާރު 49 އަހަރުގެ ކޯޗު އިންޓަރ މިލާނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން ހަ ތަށި އިންޓަރ މިލާނަށް ކާމިޔާބުކޮށްދީފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ސީޒަނުގެ އިޓާލިއަން ލީގާއި އިޓާލިއަން ސުޕަކަޕުގެ ތިން ތައްޓާއެކު ކޮޕާ އިޓާލިއާގެ ދެ ތައްޓެވެ. އޭނާ ވަނީ 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ވާދަކޮށްފައެވެ. އެ ފަހަރު ފައިނަލުން އިންޓަރ ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ. މާދަމާރޭ ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވެއްޖެނަމަ މި ސީޒަން އިންޓަރ ނިންމާލަން ޖެހޭނީ ހުސް އަތާއެވެ. އޭރުން އެކަންވާނީ ކޯޗުކަމާ އިންޒާގީ ހަވާލުވި ފަހުން އެންމެ ތައްޓަކާ ނުލައި ނިންމާލަން ޖެހޭ ފުރަތަމަ ސީޒަނަށެވެ.