ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ޖުލައި 26 ގައި ހުޅުވަނީ


  • އައު ފަސިންޖަރުންގެ ޓަރމިނަލުން އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ

  • މިއީ 78 ހާސް އަކަ މީޓަރުގެ ބޮޑު ޓަރމިނަލެއް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގެ އެއް ބައި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ވީއައިއޭގައި މިހާރު ބޭނުން ކުރަމުންދަނީ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. ނަމަވެސް މިހާރު އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2 މިލިޔަން ވަނީ ހުރަސްކޮށްފައެވެ. އެހެންކަމުން މިހާރު ޚިދުމަތްދެމުންދަނީ އޯވަރ ކެޕޭސިޓީގައެވެ.

މިހާރު ތަރައްޤީކުރަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރުންގެ ޓަރމިނަލުން އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. މިއީ 78 ހާސް އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަމުންދަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބުރިޖުތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖު ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.

ވައިގެ ދަތުރުފަތުރަށް އަންނަ ޒަމާނީ ބަދަލުތަކާއި ފައިހަމަކޮށް ރާއްޖެއިންވެސް އަންނަނީ އެ ފެންވަރަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާއި އެއްގޮތަށް ރާއްޖޭގޭ އެއަރލައިންތަކުންވެސް ތަފާތު މަރުކާގެ ބޯޓުތައް ގެނެސް އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެގެނެސް ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް މިހާރު ފަށާފައިވާއިރު، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓުތައް ރާއްޖެ ގެނައުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.