ޚަބަރު

ޝަރުޢީ ދާއިރާއާއި މީޑިޔާގެ ގުޅުން ބަދަހިވެއްޖެ


އަދުލު އިންސާފުޤާއިކުރުމުގެ އެންމެހާ ބާރުތަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކަށެވެ. ދައުލަތުގެ އެހެން ބާރުތަކާއި، މުއައްސަސާތަކާއި ޝަރުޢީ ދާއިރާއިން ކުރައްވާ މަސައްކަތް ވަރަށް ތަފާތުކަން ބޮޑެވެ.

ޝަރުޢީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެގެންވާ ދައުލަތުގެ ވަކިބާރެއްކަމަށާއި، ޝަރުޢީ ކޯޓެއްގެ ނިންމެވުމަށް ނުފޫޒު ފޯރާނެފަދަ ކަންކަމުން ކޯޓްތައް ރައްކާތެރިކުރުމަކީ ސުޕްރީމް ކޯޓާއި މުޅި ދައުލަތުގެމައްޗަށް ޤާނޫނު އަސާސީން  ލާޒިމުކޮށްފައިވާކަމެކެވެ.

ޢާންމުގޮތެއްގައި ހުޅުވާލެވިފައިނުވާ ދާއިރާއަކަށްވަނީ ޢަދުލު އިންސާފު ޤާއިމުކުރެއްވުމުގެ މަސައްކަތަކީ ބުރަ މަސައްކަތަކަށްވެފައި، އެއްވެސް ފަރާތެއްގެ ޕްރެޝަރާއި، ސީދާވިޔަސް ނުވަތަ ނުސީދާވިޔަސް ނުފޫޒެއް ނެތި ޢަދުލުވެރިކަމާއެކު ކަންކަން ކުރެއްވުމުގެ މަގު ފަނޑިޔާރުންނަށް ފަހިކޮށްދެއްވުމަށެވެ.

ޝަރުޢީ ދާއިރާ މީޑިއާއާ ރައްޓެހި ދާއިރާއަކަށް ހެއްދެވުމަށް ޝަރުޢީ ދާއިރާއިން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޖުލައިމަހުގެ 17 ން 21 އަށްވަނީ ޝަރުޢީ ދާއިރާގެ އޯޕަންހައުސް މީޑިއާ ވީކެއް ފާހަގަކުރައްވާފައެވެ. މި ހަފްތާގެ ތެރޭގައި މީޑިއާއާ ގުޅުން ބަދަހިކުރެއްވުމަށް އެދާއިރާގެ އިސްވެރިން ވަނީ މީޑިއާތަށް ރެގިއުލޭޓްކުރައްވާ މުއައްސަސާތަކުގެ ވެރިންނާއި، އެކިއެކި މީޑިއާތަކުން ޝަރުޢީ ދާއިރާގެ ޚަބަރުތައް ކަވަރކުރައްވާ ރިޕޯޓަރުންނާއި އެޑިޓަރުންނާއި ބައްދަލުކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14692123177654.jpg|ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ޙަރަކާތްތަކުގެ ތެރެއިން، ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ- ފޮޓޯ: ޕީއެސްއެމް

މީގެތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިންނާ ޝަރުޢީ ދާއިރާއިން ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދަމަހައްޓަވައި، ބިނާކުރަނިވި މީޑިއާ ވެއްޓެއް ޤާއިމުކުރެއްވުމަށްޓަކައި މީޑީއާއާއި ކޯޓްތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެތެރެއިން ޕަބްލިކް ސަރވިސް މީޑިއާއިން އެންމެ ބޮޑަށް ބާރުއެޅީ ކޯޓްތަކާބެހޭ ޚަބަރާއި ރިޕޯޓްތަކާއި ޕްރޮގްރާމްތައް އުފައްދައި ހުށަހެޅުމުގައި ޙަރަކާތްތެރިވާ ފަންނީ މުވައްޒަފުން، ދެ ފަރާތް ގުޅިގެން ތަމްރީންކުރުމަށާއި ދެ ފަރާތް ގުޅިގެން، ޝަރުޢީދާއިރާއަށް ޢާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރާނެ ގޮތުގެ މައްޗަށެވެ.

އޯޕަންހައުސް މީޑިއާ ވީކްގެތެރޭގައި ސުޕީރިއަރ ކޯޓްތަކުގެ އިސް ފަނޑިޔާރުން ވަނީ ކޯޓްކޭސްތައް ކަވަރކުރާ ރިޕޯޓަރުންނާއި ބައެއް މީޑިއާތަކުގެ އެޑިޓަރުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެފަރާތުގެ ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވައި ގުޅުން ބަދަހިކުރައްވާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14687710748636.jpg|ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ޙަރަކާތްތަކުގެ ތެރެއިން، ނޫސްވެރިންނަށް ސިވިލް ކޯޓް ދައްކާލަނީ- ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ޝަރުޢީ ދާއިރާއިން ވަނީ ކޯޓްކޭސް ކަވަރުކުރާ ރިޕޯޓަރުންނާއި މީޑިއާތަކުގެ އެޑިޓަރުންނަށް ޚާއްޞަ ވޯކް ޝޮޕެއްވެސް ބާއްވަވާފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ފަރާތުން ވަނީ ކޯޓްގެ ޙުރުމަތް ރައްކާތެރިކުރެއްވުމާބެހޭ ޤަވާޢިދުތަކާއި ޤާނޫނުތަކާގުޅޭ މަޢުލޫމާތު މީޑިއާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކާ ޙިއްޞާކުރައްވާފައެވެ. އަދި ޝަރުޢީ ކޯޓްތަކުގައި ހިނގާ މައްސަލަތަކާ ގުޅިގެން ގެނެސްދެއްވާ ޚަބަރުތަކާގުޅިގެން ނުސީދާ ގޮތެއްގައި ކޯޓްގެ ނިންމެވުމަށް އަސަރުކުރަމުން އަންނަކަން ފާހަގަކުރައްވައި، ކޯޓް ކޭސްތަކާ ގުޅޭ ޚަބަރުތައް ގެނެސްދެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ހަފްތާގެ ޙަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ޝަރުޢީ ކޯޓްތަކުގެ އެތެރެ ވީޑިއޯކުރުމުގެ ފުރުޞަތުވެސް މީޑިއާތަކަށް ދެއްވާފައިވެއެވެ. މިއީ ޢާންމުކޮށް މީޑިއާތަކަށް ހުޅުއްވައި ނުލައްވާ ފުރުޞަތެއްކަން ފާހަގަކޮށްލެވެއެވެ.

ޝަރުޢީ ދާއިރާއަކީ މީޑިއާއާ ރައްޓެހި ދާއިރާއެއްކަމުގައި ހެއްދެވުމަށް ޚާއްޞަ ޙަރަކާތްތަކެއް ހިންގެވުމަށް ރާއްވަވާފައިވަނީ ޖުޑީޝަލް އަހަރު 2016 ފާހަގަ ކުރެއްވުމަށް ބޭއްވެވި މަހާސިންތާގެ ތެރެއިންނެވެ. މިއީ ޝަރުޢީ ދާއިރާއިން މީޑިއާއަށް ޚާއްޞަކުރައްވައިގެން މިފަދަ ގޮތެއްގައި ޙަރަކާތްތަކެއް ހިންގެވި ފުރަތަމަ ފަހަރެވެ. މި ޙަރަކާތްތަކުގައި ބައިވެރިވި ނޫސްވެރިންވަނީ މި ކަމަށް ތައުރީފްކޮށް ވާހަކަދައްކަވާފައެވެ.