ޚަބަރު

ޖީއެޗްއެފާ އެހީ ބެހުން ޙަވާލު ކޮށްފައި ވަނީ ޖަރީމާތައް ފޮރުވަން: އުންރްވާގެ ވެރިޔާ


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަނާ (ޖީއެޗްއެފާ) ޙަވާލުކޮށްފައި ވަނީ އެ ސަހަރުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވަން ކަމުގައި އދގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ޖީއެޗްއެފަކީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތްތަކެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އެހީ ބެހުމުގެ ކަންކަން އެ ޖަމުޢިއްޔާއިން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ.

ޖީއެޗްއެފުން ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ކާބޯތަކެތި ބެހުމަށް މަރުކަޒެއް ޤާއިމުކޮށް، އެހީ ބަލައިދިޔުމަށް ގޮވައިލުމުން އެތަކެއް ސަތޭކަ ބަޔަކު އެ ތަނަށް ޖަމާވިއެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ވަނީ އެހީ ބަލައިދިޔަ މީހުންނަށް ޙަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައެވެ. އަދި، 46އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ. މިއީ، އެހީ ބަލައިދިޔަ މީހުން ގަސްދުގައި ޝަހީދު ކޮށްލުމަށް ހިންގާފައިވާ ޖަރީމާއެކެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދން އުފައްދާފައިވާ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވީ، ޖީއެޗްއެފާ އެހީ ބެހުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ މި ފަދަ ޖަރީމާތަކާއި، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ މި ފަދަ އެހެން ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވުމަށް ކަމުގައެވެ. އެހީ ބެހުމަށް ޖީއެޗްއެފުން އަމަލު ކުރަމުން ދަނީ އެއްވެސް ހަރުދަނާ ކަމެއް ނެތް އުސޫލެއްގެ ދަށުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އެހީ ބެހުމަށް އިސްރާއީލުން އަމަލު ކުރަމުން ދަނީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް އުސޫލެއްގެ ދަށުން. އަޅުގަނޑުމެންނަށް އިއްޔެ [މޭ 27ގައި] އެ މަންޒަރުތައް ވަރަށް ސާފުކޮށް ފެނިގެން ދިޔަ، ހައިހޫނުގައި ޖެހިފައިވާ މީހުން ކާބޯތަކެތި ހޯދުމަށް އުޅެން ޖެހުނު ގޮތް. އެެއްވެސް ހަމައެއްލަމައެއް ނެތް، އިންސާނީ ކަރާމާތުގެ ކަންފުޅެއް ވެސް ނެތް، އެއްވެސް ރައްކާތެރިކަމެއް ވެސް ނެތް،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް އެހީ ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންގޮސްފައި ވަނީ، އެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ކަމުގައި އދގެ އިދާރާތަކުގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ސިފަ ކުރެއެވެ. "އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެއީ ބޭކާރު ޚަރަދެއް، އަދި ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވަން ކޮށްފައިވާ ކަމެއް،" ލެޓްޒަރީނީ ވިދާޅުވިއެވެ.

މާރިޗު 18އަށް ފަހު ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 3,900އަށް

ޔަހޫދީ ފައުޖުން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އަދި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއިރު އަމަލު ކުރަމުން ދިޔަ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައި ވަނީ މާރިޗު 18ވަނަ ދުވަހުއެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 3,900އަށްވުރެ މައްޗަށް އުފުލިފައެވެ.

11 ހަފުތާގެ މެދުކެނޑުމަކަށް ފަހު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރަން ފަށާފައި ވަނީ ހުސްވި ހަފުތާގައެވެ. ނަމަވެސް، އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗަށެވެ. އޭގެ ތެރެއިން ގިނަ ތަކެތި އެތެރެ ކޮށްފައި ވަނީ ޖީއެޗްއެފުންނެވެ. އެ ޖަމުޢިއްޔާއިން ބުނީ، މޭ 26އަށް ފަހު ކާބޯތަކެތި އަޅާފައިވާ 8,000އެއްހާ ފޮށިގަނޑު ބަހާފައިވާނެ ކަމުގައެވެ. އަދި، އޭގައި 462,000 ކެއުން ހިމެނޭނެ ކަމުގައެވެ.

ނަމަވެސް، އދގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ޖީއެޗްއެފް ބޮއިކޮޓު ކޮށްފައެވެ. އަދި، އެ ޖަމުޢިއްޔާއާ ގުޅިގެން މަސައްކަތް ކުރުމަށް އިންކާރު ކޮށްފައެވެ. އެއް ސަބަބަކީ، އެހީ ބެހުމުގެ ހުރިހާ އިންތިޒާމުތަކެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް މަސައްކަތް ކުރުމެވެ. އަނެއް ސަބަބަކީ، އެއްވެސް ހަރުދަނާ އުސޫލެއް، އަދި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ޔަހޫދީންގެ ހީލަތްތެރި ރޭވުމުގައި ނެތުމެވެ.

ޖީއެޗްއެފުން އެހީ ބެހުމަށް ޤާއިމު ކޮށްފައިވާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކޮށްފައި ވަނީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ. މީގެ އިތުރުން، ޣައްޒާގައި ބޮޑު ހަ ކޭމްޕު، ނުވަތަ ޖަލު ބިނާ ކުރުމަށް ޔަހޫދީން ވަނީ ނިންމާފައެވެ. ރައީސް ޓްރަމްޕްގެ އެހީތެރިކަމާ އެކު ޤާއިމު ކުރާ ކޮންމެ ޖަލަކަށް 5,000އާއި 6,000 ޢާއިލާ ގަދަބާރުން ބަދަލު ކުރުމަކީ ޔަހޫދީންގެ ރޭވުމެވެ. އެ ތަންތަން ވަށައިގެން ސަލާމަތީ ކަންކަން ބަލަހައްޓާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނެވެ. މި ހުރިހާ ރޭވުމެއްގެ ބޭނުމަކީ، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަތުމެވެ.