ޚަބަރު

ރޮބޮޓިކް ހެކަތަން: ކޮންޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންގެ އުފެއްދުންތައް ދައްކާލަނީ


  • މިހަރަކާތް ކުރިއަށް ގެންދާނީ 2 ދުވަހުގެ މުއްދަތަށް

  • މިއީ ރޮބޮޓިކް ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެއް

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫއިން ރޮބޮޓިކް ހެކަތަންއެއް ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އެމްއެންޔޫއިން ވިދާޅުވީ، މިއީ ކޮމްޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންގެ ރޮބޮޓިކް މޮޑިއުލްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދާނީ 2 ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި ދަރިވަރުން އަމިއްލައަށް ރޮބޮޓްތައް ހަދަމުންދާނެކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ. މީގެ އިތުރުން، ރޮބޮޓްތައް ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފެކަލްޓީގެ ފަރާތުން ފޯރުކޮށްދެމުންދާނެކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން އާދަމް ޚާލިދު ވިދާޅުވީ، މިއީ ރޮބޮޓިކް ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

"މީގެ މައިގަނޑު މަޤްޞަދަކީ ކުދިން ރޮބޮޓިކްސްއަށް ފެމެލިއާކުރުން، ރޮބޮޓިކްސް އަކީ މިހާރު ދުނިޔޭގައި އެންމެ ބޮޑަށް ހިންގާ އެއްދާއިރާވީމަ، މިއަށް ފެމެލިއާ ކުރުމާއި، ކުދިން ލައްވާ މިކަހަލަ ކޮމްޕެޓިޝަން ތަކުގައި ބައިވެރިކުރުން މުހިންމު" ފެކަލްޓީގެ ޑީން އާދަމް ޚާލިދު ވިދާޅުވިއެވެ.

ޑީން އާދަމް ޚާލިދު ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ދަރިވަރުންގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމަށެވެ. އަދި މިކަފަދަ ހަރަކާތްތަކުގެ ސަބަބުން ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާއިރު ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ޑީން ފާހަގަކުރެއްވިއެވެ.

"މިސާލަކަށް މިހާރު މި އާޓިފިޝަލް އިންޓެލިޖެންސްގައި ރޮބޮޓިކްސްއާއި މިކަހަލަ އެއްޗިއްސަކީ ދުނިޔޭގައި ވަރަށް ބާރަށް ކުރިއަށް އަރަމުންދާ ދާއިރާތަކެއް، އެހެންމަ ކިޔަވާދޭ ތަނެއްގައި މިގޮތަށް ހަރަކާތްތައް ނުގެންދެވޭނަމަ އެ ކުދިން ވަޒީފާގެ މާހައުލަށް ނުކުންނަ އިރުވެސް ވަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިވާނެ، އެހެންމަ މިއީ ވަރަށް ބޭނުންތެރި ހަރަކާތެއްކަމަށް ޤަބޫލުކުރަން" ފެކަލްޓީގެ ޑީން އާދަމް ޚާލިދު ވިދާޅުވިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީއިން ކޮންމެ އަހަރަކުވެސް ދަނީ ރޮބޮޓިކް ހެކަތަންތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ހެކަތަންގައިވެސް ދަރިވަރުން ވަނީ ތަފާތު ވައްތަރުގެ ރޮބޮޓްތައް އުފައްދާފައެވެ.