ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް ބޭނުންކުރަން ފަށައިފިއެވެ.
މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތައް ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް މިދިޔަ ހޯމަ ދުވަަހު ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި މިހާރު 3 އާއި 4 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. އެއީ 16 ޓަވަރު ހިމެނޭހެން ޖުމްލަ 32 ލިފްޓެވެ. ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ.
މިލިފްޓްތަކަކީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ އެޕަރޓުމަންޓު ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ. މިހާރު ޓަވަރެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ.