ވައި ބާރުވެ، ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށް މިރޭ 20:00 ޖެހުމާއި ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިގަޑިތަކުގައި ގަޑިއަކު 19 މޭލާ 24 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ.
ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރަށް ނިކުތުމުގެ ކުރިން، ދުރާލާ މޫސުން އޮތްގޮތް ބެލުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރުވެސްދަނީ ވާރޭވެހެމުންނެވެ. މޫސުމާ ބެހޭ އިދާރާއިން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރެވެހިފައިވަނީ ސ. ހުޅުމީދޫއަށެވެ. އެއީ 27.4 މިލިމީޓަރުގެ ވާރެއެވެ.