މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަކީ މުސްތަގުބަލަށްޓަކައި ބިނާކުރާ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ހެނާންޑޭޒް މިހެންބުނެފަވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. ހެނާންޑޭޒް ބުނީ އެފްއޭއެމް ލީގު ކަޕް 2025 ގައި މާޒިޔާ ޓީމުން ޒުވާން ގިނަ މޫނުތަކެއް ފެނުމުގެ އަސްލަކީ އެއީ ކަމަށެވެ. ތަޖުރިބާކާރު ދުވަސްވީ ކުޅުންތެރިންގެ ބަދަލުގައި އަރަމުން އަންނަ ތަރިންނަށް މެޗުތަކުން ފުރުސަތު ހޯދައިދިނުމަކީ އަބަދުވެސް އޭނާގެންގުޅޭ ވިސްނުންކަމަށެވެ.
ހެނާންޑޭޒް މާޒިޔާއާ ހަވާލުވެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުގައެވެ. އެއަށްފަހު މާޒިޔާ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިން ގިނަ ޓީމެއްގެ ގޮތުގައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭރު ތާވަލުކޮށްފަ އޮތް ގޮތުން ފެބްރުއަރީ މަހާއެކު ފުޓުބޯޅަ ސީޒަން ފެށޭނެއެވެ. އެހެންނަމަވެސް ފީފާގެ ލަފާގެ މަތިން ފުޓުބޯޅަ ސީޒަން ފަސްކުރުމާއެކު، އޭރު ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ގިނަ ޓީމުތަކަކުން ފަތިތަކުރުންތައް ވަގުތީ ގޮތުން ހުއްޓާލިއެވެ.
އެއާއެކު އެފްއޭއެމް ލީގު ކަޕުގެ ނަމުގައި މުބާރާތެއް އިއުލާންކޮށް ވަރުގަދަ މާޒިޔާއިން އެ މުބާރާތާވެސް ކުރިމަތިލީ ޒުވާން ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގެންނެވެ. މިގޮތުން ގޯލާ ރައްޓެހި މުޙައްމަދު އިލާން އިމްރާން އާއި މުޙައްމަދު ޒީކް އަޙްމަދަކީ މާޒިޔާގެ މެޗުތަކުގައި ދަނޑުމަތިން ފެނުނު ދެ ކުޅުންތެރިންނެވެ.
"ޕީއެސްއެމް ނިއުސް" އިން މިކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެމުން ހެނާންޑޭޒް ބުނީ އޭނާގެ ވިސްނުމަކީ މާޒިޔާގެ ޓީމު، މުސްތަގުބަލުގެ ޓީމަކަށް ހެދުން ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް މެޗު ތަޖުރިބާތައް ހޯދައިދިނުމަކީ އެކުދިންގެ ކުޅުން ބައްޓަންކުރުމަށް ބާރަކަށްވާނެކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ރަސްމީ މެޗުތަކުން އޭނާގެ ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށްވެސް ފުރުސަތުވާނީ ދީފައިކަމަށް ހެނާންޑޭޒް ބުނެފައިވެއެވެ.
"ޓީމު ބިނާކުރުމަކީ މަށަށް ވަރަށް މުހިންމުކަމެއް، މާޒިޔާ އަހަރެން ތައްޔާރުމިކުރީ ހަމައެކަނި އެފްއޭއެމް ލީގު ކަޕަކަށް ނޫން. މާޒިޔާ ތައްޔާރުމިކުރަނީ މުސްތަގުބަލަށް. އެހެންވީމަ ކޮންމެ ކުޅުންތެރިއަކަށްވެސް ރަސްމީ މެޗުތަކުން ފުރުސަތުދީ އެކުދިންގެ ފެންވަރު ވަޒަންކުރަން އަހަރެން ބޭނުން. ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިން އެންމެނަށްވެސް އެނގޭ. އަހަރެން ބޮޑަށް މިބަލަނީ ޒުވާން ކުދިންނަށް ފުރުސަތުދޭން، އޭރުން އެކުދިން ތަމްރީނުކުރުމަށް ބޭނުންވާ ދިމާތައް ދެނެގަންނަށް އަހަންނަށް ފަސޭހަވާނެ" ހެނާންޑޭޒް ބުންޏެވެ.
ދުވަސްވީ ކުޅުންތެރިންނަކީ އެންމެންނަށްވެސް އެނގޭނެބައެއްކަމަށާ، އެހެންނަމަވެސް އޭނާގެ ވިސްނުމަކީ ޒުވާންކުދިންނަށް ފުރުސަތުދީ އެކުދިންގެ ހުނަރުތައް ކުރި އެރުވުންކަމަށް ހެނާންޑޭޒް ވަނީ ބުނެފައެވެ. އަދި މިހާތަނަށް އެކުދިންގެ ކުޅުމާ ދޭތެރޭ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައިކަމަށްވެސް ހާނަންޑޭޒް ފާހަގަކުރިއެވެ. މާޒިޔާއާ ހަވާލުވުމަށް ރާއްޖެ އައުމުގެ ކުރިންވެސް އެޓީމުގެ ބައެއް ވީޑިއޯތައް ބަލާ ހެދިކަމަށާ، އެހެންނަމަވެސް ކުޅުންތެރިންގެ އަސްލު ފެންވަރު ފާހަގަވެގެންދާނީ މެޗުތަކުންކަމަށް އޭނާ ވަނީ ބުނެފައެވެ.
"ޒުވާންކުޅުންތެރިންނަށް ވަކިން ޚާއްސަ ސަމާލުކަމެއް އަހަރެންދެން. ރަސްމީ މެޗުތަކުގަ އެކުދިންގެ ފެންވަރު މައްޗަށް ޖެއްސޭނެގޮތަކީ ކޮބާތޯ އަހަރެން ބަލަން. މިހާތަނަށް އެކުދިން ދެއްކި ކުޅުމާ ދޭތެރޭ އަހަރުމެން ހިތްހަމަޖެހޭ. ރާއްޖެ އައުމުގެ ކުރިންވެސް މިކުދިންގެ ވަރަށް ގިނަ ވީޑިއޯތައް އަހަރެން ބެލިން. އެކަމަކު ޓީވީން ބެލުމާ ހަގީގީ ކުޅުމާ ހާސްބައި ތަފާތުވާނެ" ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ބުނީ ޓީމު ބައްޓަންކުރުމުގައި އޭނާ ގެންގުޅޭ ސްޓައިލަކީ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންނާ އަރަމުން އަންނަ ޒުވާންކުޅުންތެރިން މަސްހުނިކޮށްލާ، ޓީމެއްގެ ގޮތުގައި ކުޅުވޭނެ ގޮތްތައް ހޯދުންކަމަށެވެ. ސަބަބަކީ މާޒިޔާއަކީ މުސްތަގުބަލަށްޓަކައި ބިނާކުރާ ކުލަބަކަށްވުމުން އަރަމުން އަންނަ ކުދިންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދޭންޖެހޭނެކަމަށް ގަބޫލުކުރާތީކަމަށް ހެނާންޑޭޒް ފާހަގަކުރެއެވެ.