ދިރާގުން "ޑޮނޭޓް އޮން ދިރާގު އެޕް" ޕްރޮގްރާމް މެދުވެރިކޮށް 200،000އަށްވުރެ ގިނަ ރުފިޔާ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިންނަށް ހަދިޔާކޮށްފިއެވެ.
ދިރާގުން ވިދާޅުވީ، "ޑޮނޭޓް އޮން ދިރާގު އެޕް" މެދުވެރިކޮށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ހަދިޔާކޮށްފައިވަނީ ޖުމްލަ 230،380 ރުފިޔާކަމަށެވެ. މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 150،000 ރުފިޔާއާއި ރަމަޟާން މަހު ދިރާގުއެޕް މެދުވެރިކޮށް އާންމުންގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ ހިމެނެއެވެ.
ދިރާގުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފައިސާ ވުޒާރާއާއި ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދުއެވެ. އަދި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން މި ފައިސާއާއި ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. އާއިޝަތު ޝިހާމްއެވެ.
މި ފައިސާ ހަދިޔާ ކުރީ ފިޔަވަތި، އަމާން ވެށި އަދި އަމާންހިޔާއަށެވެ. މި ހިޔާތަކަކީ އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.
މިގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
މި ޑޮނޭޝަންގެ އެހީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް ވުޒާރާއިން ކަނޑައަޅާފައިވާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ވިދާޅުވިއެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމުގައިވާ "އިންކްލޫޝަން"ގެ ދަށުން ކުޑަކުދިންގެ މުސަތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތަޢުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަރނެޓް ފޯރުކޮށްދެމުންނެވެ.