ޚަބަރު

"ޙާލު ކިހިނެއް؟" ޕްރޮގުރާމް: 14،000 ގެއަށް ޒިޔާރަތްކޮށްފި


  • ޕްރޮގުރާމުން ދެނެގަނެވުނު ވަޒީފާގެ ދަތިތަކަށް ހައްލު ހޯދައިދޭން ދަނީ މަސައްކަތްކުރަމުން

  • އެކަނިވެރި މައިންނާއި ނުކުޅެދޭ މީހުންނާއި އިސްރަށްވެހިންނަށް ދިމާވާ ދަތިތައް ދެނެގަނެވޭނެ

ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ "ޙާލު ކިހިނެއް؟" ޕްރޮގުރާމްގެ ދަށުން މިހާތަނަށް 14،000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ޙާލު ކިހިނެއް ޕްރޮގުރާމް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގުރާމެކެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ޙާލު ކިހިނެއް ޕްރޮގުރާމުން ދެނެގަނެވޭ އެއް ކަމަކީ ވަޒީފާ ލިބުމުގައި އެކި ފަރާތްތަކަށް ދިމާވާ ދަތިތައް ކަމަށެވެ. އެހެންކަމުން މި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވަޒީފާ ދޭ ފަރާތްތަކާއި އެކި ކުންފުނިތަކާ ގުޅިގެން ވަޒީފާތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާތަނަށް މި ޕްރޮގުރާމްގެ ދަށުން ޖުމްލަ 14،000 ގެއަކަށް ޒިޔާރަތްކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޕްރޮގުރާމްގެ ތެރެއިން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންނަށް ދިމާވާ ދަތިތައް ފާހަގަކޮށް، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތައް ބެލެހެއްޓުން ހަވާލުކުރެވިފައިވާ މީހުންނަށް އަމާޒުކޮށް ތަމްރީންތަކެއް ހިންގަން ފަށާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޙާލު ކިހިނެއް ޕްރޮގުރާމް ފަށާފައިވަނީ ހިޔާ ފްލެޓުތަކުންނެވެ. މިހާތަނަށް އައިރު ހުޅުމާލޭގެ އިތުރުން މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާންމުން ފާހަގަކުރާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މިކަންކަމާ ގުޅިގެން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ މައްސަލަތައް ބަލައި، އެ ކަންކަމުގައި އެހީތެރިވެދީ ޙައްލުތައް ހޯދައިދެމުންނެވެ. މި ގޮތުން ބައެއް ޢާއިލާތަކަށް ކެއަރ ޕެކޭޖު ފޯރުކޮށްދެމުން ގެންދާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.