ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް މީހަކު، ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ބަންދުން ދޫކޮށްލައިފިއެވެ.
ރައުދު ދޫކޮށްލާފައިވަނީ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހާފައިވަނިކޮށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދުދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދީފައިވާ އިރުޝާދާއެއްގޮތަށް ރައުދު ބަންދުން ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލައާ ގުޅިގެން ރައުދު އަހުމަދު ޒިލާލު ހައްޔަރުކުރީ އޭނާ ވެއްޓުނުއިރު އޭނާއާއެކު ރައުދު ހުރިކަން ވީޑިއޯ ފުޓޭޖްތަކުން ފެންނާތީއެވެ. ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިންނެވެ. އެ ގޭގައި ރައުދުއާއި ޔުމްނު އެކުގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނެއެވެ.
މިހާދިސާގައި ވެއްޓުނު ޔުމްނުއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ.
މިހާދިސާ ތަހުގީގުކުރަން، ޚާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވަނީ އުފައްދަވާފައެވެ.