ޚަބަރު

އަލްކަރާޒް އާއި ސިނާ ދެވަނަ ބުރަށް، ފްރިޓްޒް ފުރަތަމަ ބުރުން ކަޓައިފި


ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އިޓަލީގެ ޔަނިކް ސިނާ ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ޔަނިކް ސިނާ ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާއިރު އޭނާ ފުރަތަމަ ބުރުން މޮޅުވެފައިވަނީ ފްރާންސްގެ އާތޫރ ރިންޑަރކްނެޗް އަތުން ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ސެޓުތައް ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް, ހައެއް ތިނެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުންނެވެ.

ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދިތާ ގިނަ ދުވަސްތަކެއް ނުވަނީސް އޭރު ފެންމަތިވެފައިވާ މަނާ ބޭހަށް ޕޮޒިޓިވް ވި މައްސަލަ އާއި ގުޅިގެން އޭނާ ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ޖިއުލިއޯ ޒެޕިއޭރީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހައެއް ތިނެއް, ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ނަން މަޝްހޫރު ގިނަ ކުޅުންތެރިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވާއިރު މި މުބާރާތުގައި ހަތަރުވަނަ އަށް ސީޑު ކޮށްފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒް ވަނީ ޖަރުމަނުގެ ޑެނިއެލް އަލްޓްމެއިއާ އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހެއްގެ ނަތީޖާއަކުން ޑެނިއަލް ކާމިޔާބުކުރި ނަމަވެސް ދެވަނަ ހައެއް ތިނެއްގެ ނަތީޖާއަކުން ފްރިޓްޒް ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކާ ޑެނިއަލް ވަނީ ފްރިޓްޒް މުބާރާތުން ކަޓުވާފަ އެވެ.