ޚަބަރު

މިފަހަރު ޙައްޖުވެރިން އެއަރޕޯޓުގައި މަޑުކުރަންނުޖެހި ހޮޓަލަށްދެވޭނެ، ލަގެޖުވެސް ގެނެސްދޭނެ: ވަޒީރު ޑރ. ޝަހީމް


  • މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް ފަހިކޮށްދިނީ ސަޢުދީ ރަސްގެފާނުގެ ޚާއްސަ ހުއްދައަކާއެކު

  • މި ޚިދުމަތް ލިބުމަކީ ދިވެހިންނަށް ލިބޭ ޝަރަފެއްކަމަށް ވަޒީރު ވިދާޅުވި

މިފަހަރު ދިވެހި ޙައްޖުވެރިން ޖިއްދާ އެއަރޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަންނުޖެހި ވަގުތުން އެއަރޕޯޓަށް ދެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވް ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދޭން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ ހުއްދައާއެކު ޝަރުތުތަކުން ރާއްޖެ އިސްތިސްނާ ކުރެއްވުމަށްފަހުގައި ކަމަށެވެ. މިއީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަރަށް ގިނަ ފަސޭހަތައް މި ޚިދުމަތުގެ ތެރެއިން ދިވެހިންނަށް ލިބޭނެ ކަމަށެވެ. އެ ގޮތުން ޖިއްދާ އެއަރޕޯޓުގައި ދިވެހި ޙައްޖުވެރިން މަޑުކުރަންނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސްޓޭމްޕް ޖަހައި، ލަގެޖް ނަގަން ނުޖެހި، ކަމާ ބެހޭ ފަރާތްތަކުން ލަގެޖު ސީދާ ހޮޓަލަށް ގެނެސްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް މި ދެނީ 20،000 ޙައްޖުވެރިން މަދުވެގެން ތިބޭނަމަ އެ ޤައުމެއްގައި. ނަމަވެސް ރާއްޖެ އިސްތިސްނާކުރައްވައި، އެއްވެސް އެގްރީމެންޓެއް ނެތި ސަޢުދީން ދެއްވި ޚާއްސަ ހަދިޔާއެއް މިއީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭހަކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ޙައްޖު ކޯޓާ އިތުރުކުރުމާއި އަލަށް ޙައްޖަށް ދާ މީހުންނަށް އިސްކަންދޭން ނިންމެވުމާއި ޢުމުރުން ދުވަސްވީ މީހުންނަށް އިސްކަންދިނުންފަދަ ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހި ސަރުކާރުން ދަނީ މި ދައުރުގެ ތެރޭގައި 1000 ފަޤީރުން ޙައްޖަށް ފޮނުވުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.