ތަޢުލީމު

ކުޅުދުއްފުށީ ކެމްޕަހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް


ހދ ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި، އެ އަތޮޅުގެ ގިނަ ރަށްތަކެއްގެ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދާ އެއް ރަށްވެސްމެއެވެ. މީގެ ތެރެއިން ގިނަ ދަރިވަރުންނަކީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގައި މަތީ ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންނެވެ. ނަމަވެސް، ޖާގައިގެ ދަތިކަމުގެ މައްސަލައަކީ، ކުޅުދުއްފުށީ ކެމްޕަހަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

ކުޅުދުއްފުށި ކެމްޕަހުގެ މެނޭޖަރ އިބްރާހީމް މުޙައްމަދު ވިދާޅުވި ގޮތުގައި، އެ ކެމްޕަހުގައި މިހާރުވެސް 500 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުންދެއެވެ. އަދި، ޚާއްޞަކޮށް ހަފްތާ ބަންދުގައި ގިނަ އަދަދެއްގެ ދަރިވަރުން ކްލާސްތަކުގައި ބައިވެރިވާއިރު، އެތަނުގައި މިހާރު ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ހިނގަމުންދާ ތިން ބުރީގެ އާ ޢިމާރާތް ނިމުމުން، އިތުރު ކޯސްތަކަށް ކިޔަވައިދިނުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި ޖާގައިގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން މި އަހަރު ކޯސްތަކުގައި ބައިވެރިވުމަށް އެދުނު ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް އެ ފުރުޞަތު ދެވިފައި ނުވާކަން އިބްރާހީމް މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ. އަދި، ކެމްޕަހުގައި މިހާރު ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ހިނގަމުންދާ 3 ބުރީގެ ކްލާސްރޫމް ބްލޮކާއި އޮޑިޓޯރިއަމްގެ މަސައްކަތް ނިމުމުން، އެތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެކަން ފާހަގަކުރައްވާ، މިއީ އެ ސަރަހައްދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި މިހާރު ބޭނުން ކުރަމުންދަނީ 9 ކްލާސް ރޫމެވެ. މީގެ ތެރެއިން އެއް ކްލާސްރޫމްގައި ވީޑިއޯ ކޮންފެރެންސިންގގެ ޚިދުމަތްވަނީ ޤާއިމްކުރައްވާފައެވެ. އަދި ކުޅުދުއްފުށީ ކެމްޕަހުގައި ޤާއިމްކުރައްވާފައިވާ ދަނާލުގައި، ކުޑަ އަގެއް ދައްކައިގެން، ދަރިވަރުންނަށް ތިބުމުގެ ފުރުޞަތުވެސް ފަހިކޮށްދެއްވާފައިވާކަން ފާހަގަކުރެވެއެވެ.