ޔޫރަޕުގެ ފުޓްބޯޅަ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދެ ރަންބޫޓު ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަން އެމްބާޕޭ އަށް ލިބިއްޖެ އެވެ.
ފްރާންސްގެ ޕީއެސްޖީ ދޫކޮށް މި ސީޒަން ފެށުމުގެ ކުރިން ހިލޭ ޓްރާންސްފާގައި ރެއާލް މެޑްރިޑާ ގުޅުނު ފޯވަޑް ވަނީ ރޭ ނިމުނު ސީޒަނުގައި ޖުމުލަ 31 ގޯލު ޖަހައިފަ އެވެ. އަދި މުޅި ސީޒަނުގައި އޭނާ ރެއާލް އަށް ޖަހައިދިން ގޯލުގެ އަދަދަކީ 42 އެވެ. ޔޫރަޕުގެ ފުޓްބޯޅަގައި ޖަހާ ގޯލާއި ގޯލު ޖަހަން އެހީތެރިވެދިނުން ކައުންޓް ސިސްޓަމުން އޭނާ އަށް ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.
އެމްބާޕޭ އަށް ވުރެ ގިނަ ގޯލު ޖެހީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ފޯވަޑް ވިކްޓަރ ގިޔޮކްރެސް އެވެ. އޭނާ 39 ގޯލު ޖެހި ނަމަވެސް ޕޮއިންޓް ސިސްޓަމުން މާކްސް ދިނުމުން ލިބުނީ 58.5 ޕޮއިންޓެވެ.
އިނގިރޭސި ލީގުގެ ރަން ބޫޓު ހޯދި ލިވަޕޫލްގެ ފޯވަޑް މިސުރުގެ މުހައްމަދު ސަލާހަށް ލިބުނީ 56 ޕޮއިންޓެވެ.
އެމްބާޕޭ މި ސީޒަނުގައި ރެއާލް އަށް ޖަހައިދިން ގޯލުގެ އަދަދު 42 އަށް އެރިއިރު ސީޒަނުގެ ފުރަތަމަ ކޮޅު އޭނާ ފެނުނީ ގޯލާ ބީރައްޓެހިކޮށެވެ. ނަމަވެސް ފަހުން ފޯމަކަށް އެޅި ރެއާލް މެޑްރިޑުގައި އެންމެ ވިދުން ގަދަ ކުޅުންތެރިއަކަށް ފެނުނީ އޭނާ އެވެ.