ކުޅިވަރު

އެޓޯލް އެތްލެޓިކްސް މީޓްގެ ދެ އިވެންޓެއްގެ މެޑަލް މިއަދު ދީފި


މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ވިއްސާރައިގެ ސަބަބުން އިއްޔެ ކުރިއަށް ނުގެންދެވުނު ބައެއް އިވެންޓްތަކާއެކު މިއަދު ހެނދުނު ގިނަ އިވެންޓްތަކެއް ނިންމައިފިއެވެ. އިއްޔެ ނިމުނު ނަމަވެސް ނަތީޖާ އިއުލާން ނުކޮށް އޮތް ދެ އިވެންޓެއްގެ ނަތީޖާ އިއުލާންކޮށް މިއަދު ވަނީ މެޑަލްވެސް ދީފައެވެ. އެއީ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯން ޖަމްޕާއި، 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ސޮފްޓް ބޯލް ތްރޯއެވެ. 

ލޯންގް ޖަމްޕުން އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ ހާޒިމް ރިފާތުއެވެ. ދެވަނަ ހޯދީ ގދ.އަތޮޅު މަދަރުސާގެ ޝާރިޤް އިބްރާހީމް ރަޝީދުއެވެ. ތިންވަނަ ހޯދީ ގެމަނަފުށީ ސްކޫލްގެ އިބްރާހީމް ތަސްނީމްއެވެ. ސޮފްޓް ބޯލް ތްރޯއިން އެއްވަނަ ހޯދީ މުޙައްމަދު ޔޫހު ޒަރީރުއެވެ. ދެވަނަ ހޯދީ އަބުދުﷲ ޝިމާދު ޝަމީމްއެވެ. މިދެ އެތްލީޓުންނަކީވެސް މަދަރުސަތުލް ޝެއިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ދެ ދަރިވަރުންނެވެ. ތިންވަނަ ހޯދީ އަބޫބަކުރު ސްކޫލްގެ މުޙައްމަދު ޒައިން ޒަހީމްއެވެ.

މިއަދު ހެނދުނު ވަނީ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޝޮޓް ޕުޓާއި، 11 އަހަރުން ދަށުގެ އަންހެން ކުދިންގެ ސޮފްޓް ބޯލް ތްރޯއާއި، ދުވުމުގެ ހަތަރު އިވެންޓެއްގެ ފައިނަލް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް އެއިވެންތްތަކުގެ ނަތީޖާ އިއުލާންކޮށް މެޑަލް ދިނުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. މި ސްޕޯރޓްސް މީޓްގައި 27 ސްކޫލަކުން ވާދަކުރެއެވެ. އިވެންޓްތައް ނިމޭނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.