ރާއްޖޭގެ ކުޅިވަރު ދާއިރާގެ ތަރައްގީއަށް ދިގު މުއްދަތަކަށް އެއްބާރުލުން ދިނުން ހަރުދަނާކުރުމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންދެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންއާ ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައެވެ. އެމެރިކާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގެ ކުޅިވަރު ވަޒީރު ރަފީއު ވަނީ ދެގައުމުން ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކާފައެވެ.
އެމެރިކާ ސަފީރު ޔޮން ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރެއްވުމަށް ރާއްޖެއަށް އެމެރިކާ ސަރުކާރުން ދެއްވާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެމެރިކާއަކީ ބައިނަލްއަގްވާމީ ކުޅިވަރު މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ގައުމެކެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރެއްވުމަށް ސަރުކާރުން އަންނަނީ ބައިނަލްއަގްވާމީ ކުޅިވަރުގައި ކާމިޔާބު ގައުމުތަކާއެކު ގުޅުން ބަދަހިކޮށް ރާއްޖޭގެ އެތުލީޓުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖޭން ކުޅިވަރުގައި ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ތެރޭގައި ކުރިޔަށަ އޮތް 15 ވަރަކަށް އަހަރުގެ ތެރޭގައި އޮލިމްޕިކްސް ނުވަތަ އޭޝިއަން ގޭމްސްއިން ރަން ވަނަތަކެއް ގެނައުން ހިމެނެއެވެ. އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.