ޚަބަރު

ރާއްޖެއަށް ބަޔޯމެޓްރިކް އައިޑީކާޑް ތަޢާރަފްކުރަނީ


ރާއްޖޭގައި ބަޔޯމެޓްރިކް އައިޑީކާޑް ތަޢާރަފްކުރެއްވުމަށް، ބަޖެޓް ހަމަޖެއްސެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި ބަޖެޓް ހަމަޖެހުމުން ކާޑް ހެއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.

ބަޔޯމެޓްރިކް އައިޑީކާޑުގެ ބޭނުމަކީ ސަރުކާރުގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް އައިޑީކާރޑް ބޭނުންކުރުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުންކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހާމަކުރައްވައެވެ. އަދި މިކާޑުގެ ސަބަބުން ތަޢުލީމީ، ޞިއްޙީ އަދި ޤާނޫނު ތަންފީޒުކުރުގެ ދާއިރާއާއި އެހެނިހެން ދާއިރާތަކުންވެސް ފަސޭހަތައް ލިބޭނެކަމަށް އެ ޑިޕާޓްމަންޓުން ހާމަކުރައްވައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަން ރަޖިސްޓްރޭޝަންގެ އިސްވެރިޔާގެ ޙައިޞިއްޔަތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް މުޙައްމަދު އަޝްމަލީ ވިދާޅުވީ، ބަޖެޓް ހަމަޖެހޭތާ 4  މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަޔޯމެޓްރިކް ކާޑް ހައްދަވައިދެއްވޭނެކަމަށެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އަޝްމަލީ ވިދާޅުވިއެވެ.

އަޝްމަލީ ވިދާޅުވީ ބަޔޯ މެޓްރިކް އައިޑީކާޑެއް ހެއްދެވުމަށް ދިރާސާކުރައްވަމުން ގެންދަވާތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާކަމަށެވެ. އެގޮތުން އިލެކްޓްރޯނިކް ކާޑް ބޭނުންކުރާ ޤައުމުތަކުގައި ބޭނުންކުރާ ކާޑުތައް ބައްލަވައި ދިރާސާކުރެއްވުމަށްފަހު މި މަޝްރޫޢަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރައްވައި ފައިސާ ހޯއްދެވުމަށް ސަރުކާރަށް ހުށަހަޅުއްވާފައިވާކަމަށެވެ.

ރާއްޖޭގެ އާބާދީގައި މިހާރު ތިބި ހަތަރުސަތޭކަ ހާހެއްހާ މީހުންނަށް ބޭނުންވާ ބަޔޯ މެޓްރިކް އައިޑީކާޑު ބޭރުން ހައްދައިގެން ގެނައުމަށް ރާއްވަވާފައިވާކަމަށް އަޝްމަލީ ވިދާޅުވިއެވެ. އަދި މި އައިޑީ ކާރޑް ރާއްޖޭގައި ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކަމަށް ބޭނުންވާ މެޝިން ވެސް ހޯއްދެވުމަށް ނިންމަވާފައިވަކަމަށްވެސް އަޝްމަލީ ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ އައިޑީ ކާރޑާއި ޕާސްޕޯޓުގެ ސަލާމަތީ ސިފަތައް ހަރުދަނާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި ވަނީ ސަލާމަތީ 34 ސިފައެއް ހިމެނޭގޮތަށް އާ ޕާސްޕޯޓުވެސް ނެރުއްވާފައެވެ.