ކުޅިވަރު

އެނުއަލް މާސްޓާރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަންމެޑައްޔެއް


އެނުއަލް މާސްޓާރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރަމުންދާ ރާއްޖޭގެ އެތުލީޓު އަލީ ޝަރީފް ރަން މެޑައްޔެއް ހާސިލްކޮށްފިއެވެ.

އޭނާ ރަންމެޑަލް ހޯދާފަވަނީ 45 އަހަރުންމަތީގެ ކެޓަގަރީގެ 100 މީޓަރ ހީޓުގައި ދުވެގެންނެވެ. މި އިވެންޓުގައި ޖުމްލަ 11 ބައިވެރިއަކުވަނީ ވާދަކޮށްފައެވެ.

މިކާމިޔާބީއާ ގުޅޭގޮތުން ސްރީލަންކާގައި ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޝަރީފްބުނީ މިކާމިޔާބީގައި ވަރަށް ގިނަބައެއްގެ ހިއްސާއޮތްކަމަށެވެ. ޚާއްސަކޮށް މުބާރާތުން ފުރުސަތު ލިބުނީ މާސްޓާރސް އެތުލެޓިކްސް ކުލަބުގެ އެހީތެރިކަމާއެކުކަން ފާހަގަކޮށް އެއެސޯސިއޭޝަނަށް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މުބާރާތައް ތައްޔާރުވުމުގައި އާމިރު ކޯޗުގެ ފަރާތުން ލިބުނު އެއްބާރުލުންވެސް އޭނާވަނީ ފާހަގަކޮށްފައެވެ.

"އެންމެ ފުރަތަމަ ޝުކުރުކުރަނީ މާތް ﷲއަށް. މުބާރާތައް މިއާދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެކު، ވަކިން ފާހަގަކޮށްލަން މާސްޓާސް އެތުލެޓިކްސް ކުލަބުގެ ނަން. އަޅުގަނޑު ރަށުގެ ހުއްޓާ ދައުވަތުދީގެން ގެނައީ އެބޭފުޅުން" ޝަރީފް ބުންޏެވެ.

ޝަރީފްބުނީ މިފަދަ މުބާރާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ، އަދިވެސް އިތުރު މެޑަލްތަކެއް ހޯދިދާނެކަމަށް އޭނާ ގަބޫލުކުރާކަމަށެވެ. މިފަދަ ކުޅިވަރުތަކުގެ ސަބަބުން އެކުވެރިކަން އާލާވާ ކަމަށާ، މިއީ ނަފްސާނީގޮތުންނާ ޖިސްމާނީގޮތުންވެސް މީހާ ދުޅަހެޔޮކޮށްދޭކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.

އެނުއަލް މާސްޓާރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މާސްޓާރސް އެތުލެޓިކްސް ކުލަބުން ހަ މެމްބަރަކު އަންނަނީ ވާދަކުރަމުންނެވެ. މިއީ މިމަހުގެ 24 އިން 25 އަށް ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދަނީ ކޮލޮމްބޯގެ ސުގަތަދާސަ ސްޓޭޑިއަމްގައެވެ.