ކަނޑުފަޅުތަކުގެ ދިރުންތަކާއި ބެހޭ ދިރާސާތަކާއި، ދެމެހެއްޓެނިވި ގޮތެެއްގައި އެ ދިރުންތައް ހިމާޔަތްކުރުމާއި ބެހޭގޮތުން ދަރިވަރުން ތަމްރީނު ކުރުވުމަށް ހިންގި އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.
މިއީ ބ. އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު ބ. އަތޮޅު ބައޮސްފިއާ ރިޒާވްއާއި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަންޑާގިރާވަރު ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 3 ދުވަހުގެ މުއްދަތަށެވެ.
މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައިވާ މި ޕްރޮގްރާމުގައި 10 ސްކޫލަކުން 24 ކުދިން ބައިވެރިވިއެވެ.
މެރިން އިންޓަރންޝިޕް ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސްޓެފިކެޓް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބްރާޙީމް އަބްދުއްރަހްމާންއެވެ.
މި ޕްރޮގްރާމް ނިންމި ދަރުވަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ބ. އަތޮޅު ކައުންސިލްގެ ނައިބު އިބްރާޙީމް އަބްދުއްރަހްމާން ވިދާޅުވީ، ކުރިއަށްއޮތްތާގަވެސް މިފަދަ ޕްރޮގްރާމްތައް ބޭއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
"މި ޕްރޮގްރާމުން މިގިތަށް ކުރިއަށްގެންދެވޭތޯ މަސައްކަތްކުރާނަން. އަދި މިއަދު ތި ކުދިންނަށް މި ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މި ދާއިރާއިން ކުރިއަށްގެންދިއުމަށް މަސައްކަތްކުރާނެކަމަށް އުންމީދުކުރަން." ބ. އަތޮޅު ކައުންސިލްގެ ނައިބު އިބްރާޙީމް އަބްދުއްރަހްމާން ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ސަބަބުން މުރަކައާއި މަންތާ އަދި ވެލާ ފަދަ ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން އިލްމީ އަދި ޢަމަލީ ތަޖުރިބާތަކެއް ލިބިގެންދިޔަކަމަށް މި އިންޓަރނޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ކުދިން ފާހަގަކުރެއްވިއެވެ.
މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ދަރިވަރުންނަށް މެރިން ދާއިރާއަށް ވަނުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށާއި، މި ދާއިރާއަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެންދިޔަކަމަށް ކުދިންނާއެކި އުޅުނު ޓީޗަރުން ފާހަގަކުރައްވައެވެ. އަދި މިފަދަ ޕްރޮގްރާމުތައް ބާއްވާކަމަށްޓަކައި އަތޮޅު ކައުންސިލް ބައޮސްފިއާ ރިޒާވް އަދި ފޯރ ސީޒަންސް ލަންޑާ ގިރާވަރުގެ މުޅި ޓީމަށް ޓީޗަރުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ބ. އަތޮޅު ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބ. އަތޮޅު ކަައުންސިލުން ދަނިީ އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން މިއީ އެ ކައުންސިލުން ކުރިއަށްގެންދާ މިފަދަ 3 ވަނަ ޕްރޮގްރާމެވެ.