އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި 50 މުވައްޒަފުން ނެގުމަށް ކުރިއަށްގެންދާ ވޯކް-އިން އިންޓަރވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި މުވައްޒަފުން ނަގާނީ އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށްކަމަށް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި 50 މުވައްޒަފުން ނެގުމަށް ކުރިއަށްގެންދާ ވޯކް-އިން އިންޓަރވިއު ގަލޮޅު ސްކޫލްގައި ކުރިއަށްދާއިރު، ވަޒީފާއަށް އެދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިއު ހަދާފައެވެ. ގިނަ އަދަދެއްގެ ޒުވާނުން ދިގު ކިއުއެއްގައި ތިބިއިރު މިއަދު 17:00އާ ހަމައަށް އިންޓަރވިއު ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން، ވިދާޅުވީ، އިމިގްރޭޝަންގެ ވަޒީފާއަށް ގިނަ ބަޔަކު ވަންނަން ޝައުގުވެރިކަން ފާޅުކުރުމުން އެއިދާރާގެ ޚިދުމަތާއި މަސައްކަތް އާންމުން ބަލައިގަންނަކަން ހާމަވާކަމަށެވެ.
"އަޅުގަނޑު ހިއެއް ނުކުރަން މިހާ ބޮޑު ތާއިދެއް ލިބޭނެ ކަމަކަށް. މިކަމުން މި ރަމްޒު ކޮށްދެނީ އާންމުން މި މުވައްސަސާ ބަލާގަތްކަން" ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީހް ވިދާޅުވިއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ ވޯކްއިން އިންޓަވިއު މިއަދު ހެނދުނު 9 އިން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްގެންދާއިރު، އިމްގްރޭޝަނުން ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ވޯކްއިން އިންޓަރވިއުއާއްފަހު ވަޒީފާ ލިބޭނީ އެންމެ ގާބިލު 50 މީހުހުންނަށެވެ. އިންޓަވިއު އަށްފަހު 2 އިމްތިހާނެއް ކުރިއަށްގެންދާނެކަމަށާއި، އެއަށްފަހު ހޮވޭ 50 ކުދިން އިއުލާން ކުރެވިގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނަށް މުވައްޒަފުންގެ ގޮތުގައި އަލަށް މިނަގާ މުވައްޒަފުންންނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރުމަށް ޚާއްސަކޮށް ތަމްރީނުކުރާނެ މުވައްޒަފުންނެވެ. އެއަޕޯޓްގައި މަސައްކަތް ކުރުމަށް އިމިގްރޭޝަން އޮފިޒަރުން ނެގުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާއިރު، މިއަހަރުގެ ފަހުކޮޅު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޕަސެންޖަރ ޓާމިނަލް ހުޅުވަން ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްއާ ކަސްޓަމްސްއިންވެސް ދަނީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.