ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލައްވާނެ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވުމާ ގުޅިގެން، އެމެރިކާގެ މާލީ ވުޒާރާއިން ޓްރަމްޕްގެ ނިންމެވުން ތަންފީޒުކޮށް، ރަސްމީކޮށް ފިޔަވަޅުތައް އުވައިލައިފިއެވެ. ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ޤައުމުގެ ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. އެ ފިޔަވަޅުތައް އުވައިލެއްވުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، ބަޣާވާތަކުން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، އައު ސަރުކާރެއް ޤާއިމު ކުރުމާ ގުޅިގެންނެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލުމުގެ އަޑީގައި އޮތީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސެ)ވެ. އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު އެޗްޓީއެސްގެ ވެރިޔާ، އަޙްމަދު އަލް-ޝަރާޢު ވަނީ އައު ސަރުކާރެއް އެކުލަވައިލާފައެވެ. އެ ސަރުކާރުގެ ރައީސް ކަމުގެ މަޤާމު ފުރަމުން ދަނީ ވެސް އޭނާއެވެ.
ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލައްވަން ނިންމަވާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ ގަލްފުގެ ތިން ޤައުމަކަށް ހުސްވި ހަފުތާގައި ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި، ޓްރަމްޕް ވަނީ އެމެރިކާއިން އަދިވެސް ނިރުބަވެރިއެއްގެ ގޮތުގައި ދެކޭ ޝަރާޢާ އެކު ކުރު ބައްދަލުވުމެއް ބާއްވަވާފައެވެ. ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމަވާފައި ވަނީ، އަހުލީހަނގުރާމައަށް ފަހު އެ ޤައުމު އަލުން އާރާސްތުކޮށް، ފުނޑުފުނޑުވެފައިވާ އިޤުތިޞާދު އަލުން ކޮޅަށް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ނިޔަތުގައި ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރުމަށް ޓްރަމްޕް އަމުރު ކުރެއްވުމާ އެކު، އެމެރިކާގެ މާލީ ވުޒާރާއިން އެ އަމުރު ތަންފީޒު ކޮށްފައި މި ވަނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެ ވުޒާރާއިން ބުނީ، ސޫރިޔާގެ އައު ސަރުކާރަށް ޖެނެރަލް ލައިސެންސް 25 (ޖީއެލް25)ގެ ނަން ދީފައިވާ ހުއްދައެއް ދޫކޮށްފައިވާ ކަމުގައެވެ. އަދި، އެ ހުއްދައިގެ ދަށުން ޝަރާޢުގެ ސަރުކާރަށާއި، ސޫރިޔާގެ މަރުކަޒީ ބޭންކުގެ އިތުރުން އެ ޤައުމުގެ ދައުލަތުގެ ކުންފުނިތަކަށް ވިޔަފާރި ކުރުމާއި ވިޔަފާރީގެ ގުޅުންތައް ޤާއިމު ކުރުމުގެ ހުއްދަ ލިބިދީފައިވާނެ ކަމުގައެވެ.
"ޖީއެލް25އާ އެކު، ރައީސްގެ [ޓްރަމްޕްގެ] އެމެރިކާ އިސްކުރާ ސިޔާސަތުގެ ދަށުން ސޫރިޔާގައި އިންވެސްޓު ކުރުމާއި އަމިއްލަ ވިޔަފާރިތައް ހިންގުމުގެ ފުރުޞަތު ވަނީ ހުޅުވިފައި،" އެމެރިކާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. މީގެ އިތުރުން، ކަރަންޓާއި، ހަކަތައާއި، ފެނާއި ނަރުދަމާގެ ދާއިރާއިން އިންވެސްޓު ކުރުމަށް އޮތް ހުރަސްތައް 180 ދުވަހަށް މަޑުޖައްސައިލުމަށް ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އަމުރު ކުރައްވާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
"ރައީސް [ޓްރަމްޕް] މިއަދު އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ސޫރިޔާއާއި އެމެރިކާގެ ގުޅުމާ މެދު އޭނާ ގެންގުޅުއްވާ ތަސައްވުރު ރަމްޒުކޮށްދޭ ފުރަތަމަ ފިޔަވަޅުތައް،" ރޫބިޔޯ ވިދާޅުވިއެވެ. އަދި، ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާ އެކު ޝަރާޢުގެ ސަރުކާރުން ވެސް ފިޔަވަޅުތައް އަޅާނެ ކަމުގައި ރޫބިޔޯ ވިދާޅުވިއެވެ.
ޝަރާޢާ އެކު ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ފިޔަވަޅުތަކަށް ލުއިދިނުމުގެ ބަދަލުގައި ޝަރުޠުތަކެއް ހުށަހަޅުއްވާފައެވެ. ވައިޓް ހައުސުން ބުނީ، އެ ޝަރުޠުތަކުގެ ތެރޭގައި ސޫރިޔާގައި ތިބި ބޭރު ޤައުމުތަކުގެ ހަނގުރާމަވެރިންނާއި ފަލަސްޠީނުގެ ނިރުބަވެރިން އެ ޤައުމުން ފޭބުމަށް އަމުރު ކުރުން ހިމެނެއެވެ.
ފަލަސްޠީނުގެ ނިރުބަވެރިންނޭ ވިދާޅުވެ ޓްރަމްޕް އިޝާރާތް ކުރައްވާފައި އެ ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނަށެވެ. މީގެ އިތުރުން، ނިރުބަވެރި ޖަމާޢަތް، އައިއެސާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޓްރަމްޕް ވަނީ ޝަރާޢުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
"ސޫރިޔާގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަށާއި، ސޫރިޔާގެ އަވައްޓެރިންނާ އެކު ސުލްޙަ ޤާއިމު ކުރުމުގެ ފުރުޞަތު ޓްރަމްޕް އެ ވަނީ އެ ޤައުމުގެ ސަރުކާރަށް ދެއްވާފައި،" ރޫބިޔޯ ވިދާޅުވިއެވެ. ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާއިން އުވައިލުމާ އެކު ޝަރާޢުގެ ސަރުކާރުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އެޗްޓީއެސްގެ ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ބުނީ، ޓްރަމްޕްގެ ނިންމެވުމަކީ ވަރަށް ބިނާކުރަނިވި ނިންމެވުމެއް ކަމުގައެވެ. އަދި، އެ ނިންމެވުމުގެ ސަބަބުން ސޫރިޔާއަށް ކުރިމަތިވެފައިވާ އިންސާނިއްޔަތު ކަމާއި އިޤުތިޞާދީ ހާލަތުން އަރައިގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައެވެ.