މަގާމުން ދުރުކުރި ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް، ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރަން ނިންމައިފިއެވެ.
އޭނާގެ ގާނޫނީ ޓީމުން ބުނީ މި ގޮތަށް ނިންމީ ބްރެޒިލްގެ ފުޓްބޯޅައިގެ މަސްލަހަތަށްޓަކައި ކަމަށެވެ. އަދި މިއީ ބްރެޒިލްގެ ފުޓްބޯޅަ އަށް ހަމަޖެހުން ގެނެސް އެޑްނާލްޑޯގެ އާއިލީ ހަމަޖެހުމަށްޓަކައި ވެސް ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.
މި ނިންމުމާއެކު އޭނާ ވަނީ ކޯޓުން އަމުރާއެކު އޭނާ މަގާމުން ދުރުކުރި ނިންމުން އިސްތިއުނާފު ކުރަން ހުށަހެޅު ހުށަހެޅުން ވެސް އަނބުރާ ގެނެސްފަ އެވެ. އިތުރަށް ބުނެފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެއްވެސް މަގާމަށް އޭނާ ވާދަ ނުކުރާނެ ކަމަށާއި އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ވެސް ތާއީދު ނުކުރާނެ ކަމަށެވެ.
ބްރެޒިލްގެ ފުޓްބޯޅައިގެ ރައީސްގެ މަގާމުން އޭނާ ވަނި ކުރީ ކޮރަޕްޝަނާއި އިދާރީ އޮޅުވާލުންތައް ކޯޓަށް ސާބިތު ވުމުންނެވެ. އޭނާގެ މަގާމު ގެއްލުމާއެކު ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ފަރާތުން ފީފާގައި އޭނާ އަދާކުރަމުންދިޔަ މަގާމު ވެސް ވަނީ ގެއްލިފަ އެވެ، އޭނާގެ ބަދަލުގައި މިހާރު އެ މަގާމު އަދާ ކުރަމުންދަނީ ވާދަވެރި އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެވެ.
އެޑްނާލްޑޯގެ ޓީމުން ވަނީ އޭނާގެ ދައުރުގައި ބްރެޒިލްގެ ހޯދި ކާމިޔާބީތައް ވެސް ފާހަގަކޮށްފަ އެވެ. މި ގޮތުން އެންމެ ފަހު ކަމަކަށް ފާހަގަކޮށްފައިވަނީ ބްރެޒިލްގެ ގައުމީ ކޯޗު ކަމަށް ތަޖުރިބާކާރު ކޯޗު ރެއާލް މެޑްރިޑުގެ ކޯޗަކަށް ހުރި އިޓަލީގެ ކާލޯ އަންޗެލޯޓީ ހަމަޖެއްސުމެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ އެވެ. ނަމަވެސް މި އިންތިހާބުގެ ޕްރޮސެސް ބަދަލުކޮށްދޭން އެދި އެ ގައުމުގެ ކުރީގެ ބައެއް ކުޅުންތެރިންނާއި ނުފޫޒު ގަދަ ކުލަބުތަކުން ވަނީ ފީފާ އަށް ހުށަހަޅައިފަ އެވެ. އެއީ މިހާރު އޮތް އަސާސީ ގަވާއިދުގެ ދަށުން ގިނަ ބަޔަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހަނިކޮށްފައިވާތީ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރައީސް ކަމަށް ކުރިމަތިލާ ފަރާތަކުން އަށް ފެޑަރޭޝަނެއްގެ ތާއީދު ހޯދަން ޖެހެ އެވެ. ނަމަވެސް މި އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުން ކުރެ ސައުޕޯލޯ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރެއިނާލްޑޯ ކަރްނެއިރޯ އަށް ލިބުނީ އެންމެ ދެ ފެޑަރޭޝަނުގެ ތާއީދެވެ. މިހެންވެ އޭނާ އަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ގިނަ ކުލަބުތަކުން ވާދަކުރަނީ އޭނާ އަށެވެ.