މުޖުތަމައު ހޭލުންތެރި ކުރުމަށް ހިންގާ "ހޭލުންތެރި މީޑިއާ"ގެ މާލެ އަތޮޅު ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮރާމުގައި ކ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ ފަރާތްތަކަށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އަހުލުވެރިކުރުން ކަމަށެވެ. މީގެ އިތުރުން ދޮގު ޚަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޚަބަރު ގެނެސްދިނުމަށް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ހިއްސާކުރި މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙްޤީޤީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، އަސްލާއެއްގޮތް ހަބަރުތަކާއި އޭއައި ޖެނަރޭޓޭޑް ޚަބަރުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމްގައި ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން 23 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ބައިވެރިންނަށް ވަނީ ޕްރޮގްރާމް ނިންމި ކަމުގެ ސެޓްފިކެޓްވެސް ހަވާލުކޮށްފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ބައިވެރިން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ވަރަށް ބައިވަރު އެއްޗެހި ދަސްވެގެން ދިޔަ ކަމަށެެވެ. އެގޮތުން ތަފާތު ގިނަ ކަންތައްތަކާއި މައުލޫމާތު ލިބިގެން ދިޔަކަން އެފަރާތްތަކުން ފާހަގަކުރެއެވެ.
"މި ޕްރޮގްރާމްގެ ސަބަބުން ވަރަށް ބައިވަރު އެއްޗެހި ދަސްވެގެން ދިޔަ. ނޫސްވެރިކަމުގެ އިތުރުން އަމިއްލަ ދިރިއުޅުމުގެ ކަންކަންވެސް ދަސްވެގެން ދިޔަ. މިކަހަލަ ޕްރޮގްރާމެއް ކުރިއަށް ގެންދެވީތީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ބައިވެރިވި ބައިވެރިއަކު ބުނިއެވެ.
މި ސެޝަންތައް ނަންގަވާ ދެއްވާފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބޭފުޅުންގެ އިތުރުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުންނާއި، މީޑިއާގެ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވަ ފަރާތްތަކާއި، ނޫސްވެރިން ތަމްރީނު ކުރުމުގެ މަސައްކަތުގައި 20 އަހަރެއްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަހްމަދު ނަޒީފްއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާ ޕްރޮގްރާމެއްކަމަށެވެ. އަދި ވަރަށް އަވަހަށް އެހެން އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިމަށް ހަަމަޖެހިފައި ވާކަމަށް ވިދާޅުވިއެވެ.