ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
މި މަސައްކަތުގެ ދަށުން ށ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް މިހާރު ވަނީ ނިންމާލާފައެވެ. އެ އަތޮޅުގައި މީހުން ދިރިއުލޭ 14 ރަށް އޮންނައިރު، މީގެ ކުރިން ޚިދުމަތް ޤާއިމުކޮށްފައި ނެތް 10 ރަށުގައި މިހާރު ވަނީ ޚިދުމަތް ޤާއިމުކޮށްފައެވެ.
• ށ. ބިލެއްފަހި
• ށ. ފޭދޫ
• ށ. ގޮއިދޫ
• ށ. ކަނޑިތީމު
• ށ. ނޫމަރާ
• ށ. ޅައިމަގު
• ށ. ނަރުދޫ
• ށ. ފީވަށް
• ށ. ފޯކައިދޫ
• ށ. މަރޮށީ
ށ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ބީއެމްއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރައީސްގެ ވަޢުދާ އެއްގޮތަށް ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން ލޯނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އޭޓީއެމާއެކު ލިބޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"ބީއެމްއެލްގެ ޚިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި. އެ ގޮތުން ރަހުނަކާ ނުލައި ބައެއް ލޯންތައް ދޫކުރަން މިހާރު ވަނީ ފަށާފައި" ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިދިޔަ 4 ދުވަހުގެ ތެރޭގައި 18 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ކުރި މަސައްކަތަށް ބީއެމްއެލްގެ މުވައްޒަފުންނަށް ސީއީއޯ ޝުކުރުއަދާކުރެއްވިއެވެ.
ށ. އަތޮޅާއެކު ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މިވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. ޚިދުމަތް ފެށި އަނެއް އަތޮޅުތަކަކީ ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.
ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިއާއެކު ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ބީއެމްއެލް ގުޅިގެން ފަށްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.