ކުޅިވަރު

ޕޮސްޓެކޮގްލޫ ސާބިތުކޮށްދިނީ އޭނާއަކީ އާދައިގެ މީހެއް ނޫންކަން


މީގެ ފަސްވަރަކަށް މަސްކުރިން، މިސީޒަނުގެ ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕާއިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗަށްފަހު 3-4ގެ ތަފާތަކުން ހޯދި މޮޅަށްފަހު ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު އޭންޖް ޕޮސްޓެކޮގްލޫގެ ކޯޗިން އުކުޅުތަކަށް ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ،

އެކަމާ ގުޅިގެން އެފަރާތްތަކަށް ރައްދުދެމުން ޕޮސްޓެކޮގްލޫ އޭރު ބުނެފަވަނީ އޭނާއަކީ އާދައިގެ މޮޅެއް ހޯދާނެ މީހެއް ނޫންކަމަށާ، އޭނާ ބޭނުންވަނީ ވަރުގަދައަށް ކުޅެ، އުނދަގޫ މެޗަކަށްފަހު ކާމިޔާބު ހޯދަންކަމަށެވެ. އޭނާއަކީ 1-0ގެ ނަތީޖާއަކުން މޮޅުވާން ބޭނުންވާ ކޯޗެއް ނޫންކަމަށް އޭނާވަނީ އޭރު ހަރުއަޑުން ބުނެފައެވެ.

އެހެންނަމަވެސް އޭގެ ފަސްމަސް ފަހުން ޕޮސްޓެކޮގްލޫގެ މިވަނީ 1-0ގެ ނަތީޖާއަކުން ހޯދި މޮޅާއެކު، ޓޮޓްނަމުގެ ތާރީޚުގެ ތެރެއިން ޖާގަހޯދާފައެވެ. ސްޕެއިންގެ ބިލްބާލޯގެ ސޭން މަމޭސް ސްޓޭޑިއަމްގައި މެންޗެސްޓަރ ޔުނައިޓެޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށް ޔޫރޮޕާ ލީގުގެ ތަށި ޓޮޓްނަމުން އުފުލާލާފަ މިވަނީ ތައްޓަކަށް ހުވަފެން ދެކެމުންދާތާ 17 އަހަރުގެ ދިގު މުއްދަތަކަށްފަހުއެވެ.

ނޭވާ ހިފަހައްޓާލަންޖެހޭ ފަދަގޮތަކަށް ކުރިއަށްދިޔަ ކުޅުމުގެ ތެރެއިން ނަތީޖާ ބަދަލުވެ ޓޮޓްނަމަށް ހިންދެމިލެވޭވަރުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުންނެވެ. "ގަންގް-ހޯ" ސްޓައިލަށް ޕޮސްޓެކޮގްލޫ ގެންގުޅޭ ޚާއްސަ އުކުޅެއްކަމަށްވާ "އާންޖު ބޯލް"އަކުން މެންޗެސްޓާ ޔުނައިޓެޑުގެ ގޯލް ފޫއަޅޫވާލާފަވަނީ ޓޮޓްނަމް ހޮޓްސްޕަރގެ ބްރެނަން ޖޯންސްއެވެ.

މިމެޗުގެ ނަތީޖާ އެހެން ގޮތަކަށް އެނބުރި މެންޗެސްޓާ ޔުނައިޓެޑުން މެޗު ކާމިޔާބުކުރި ނަމަ ޓޮޓްނަމަށް މިސީޒަންވެގެންދާނީ ވަރަށް ހިތްދަތި ސީޒަނަކަށެވެ. ސަބަބަކީ 1977 ވަނަ އަހަރު ރެލިގޭޝަނަށް ފަހު އެ ކްލަބަށް ލިބޭނެ އެންމެ މާޔޫސްކަން ބޮޑު ސީޒަނަށް މިސީޒަންވެގެންދާނެތީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޓޮޓްނަމާއެކު ޕޮސްޓެކޮގްލޫގެ ހޭދަކުރި ދެއަހަރު ދުވަސް ނިމުމަކަށް އައިސް، އެކުލަބާއެކު އޭނާއަށް މުސްތަގުބަލު އޮތްގޮތަކާމެދު އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދިގެންދާނެއެވެ.

އަބަދުވެސް ކުލަބުގެ ދެވަނަ ސީޒަނުގައި ތަށި ހޯދާ ކޯޗެއްގެ ގޮތުގައި ސިފަކޮށްފަވާ ޕޮސްޓެކޮގްލޫމިވަނީ އަނެއްކާވެސް އެކަން ސާބިތުކޮށްދީފައެވެ. އަދި މިކާމިޔާބީއާއެކު އޭނާވެގެންދާނީ ޓޮޓްނަމުގެ ތާރީޚުގައި ރަންއަކުރުން ފަވާ ލެވޭނެ ބަޠަލަކަށްކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑުންވަނީ ޓޮޓްނަމާދެކޮޅަށް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އެހެންނަމަވެސް ނަސީބުދެރަކަމުން އެ ޓީމަށް ލިބުނު ފުރުސަތުތައް ގޯލަކަށް ބަދަލުކުރެވޭ ގޮތްވަނީ ނުވެފައެވެ. މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗަށްފަހު 1-0ގެ ނަތީޖާއަކުން ހިއްލާލި ތައްޓާއެކު ހިތްހަމަޖެހުން ލިބިއްޖެކަމަށް އޮސްޓްރޭލިއާގެ ކޯޗުވަނީ ބުނެފައެވެ.

މިމެޗުގައި ލިބުނު ލީޑާއެކު ޓޮޓްނަމުންވަނީ މެޗުގެ ބާކީ ވަގުތު ދިފާއަށް ނުކުމެ ގޯލު ރައްކާތެރިކޮށްފައެވެ. އިތުރު ހަމަލާތަކެއް އުފެއްދުމުގެ ބަދަލުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންގޮސްފަވަނީ ތަށި ހޯދުމުގެ ރޫހެއްގައި ތިބެ، ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުނުތަނެވެ.