ޚަބަރު

ރައީސް މުޢިއްޒުގެ ޒަޢާމަތާއެކު ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ 6.6 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވެފައި: ވަޒީރު ސައީދު


  • ރާއްޖޭގެ އުފެއްދުންތެރިކަން ދަނީ އިތުރުވަމުންކަން ވަޒީރު ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތާއެކު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަތަމަ ބޭއްވުނީ 1944 ވަނަ އަހަރުކަމަށެވެ. އަދި އޭގެ 81 އަހަރަށްފަހު އުފެއްދުންތެރިކަމުގެ މައުރަޒެއް ބޭއްވިގެންދާއިރު މި މައުރަޒު ވަރަށް ބޮޑަށްވެސް ތަފާތުގެ ޚާއްސަ ވެގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް އޮތްއިރު، ކްރިއޭޓިވް އިކޮނޮމީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި މެއިން ސްޓްރީމް ކުރެވޭ ނުވަތަ ދިވެހި ދައުލަތް ދަންނަ ބަޔަކަށް ހަދަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކީ ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރެއްވުންކަމަށެވެ.

އެހެންކަމުން ފުރަތަމަ ފަހަރަށް އުފެއްދުންތެރިކަމުގެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަކުރެވިފައިވާ ސަރަހައްދެއް ހުރުމަކީ ރާއްޖޭގައި މި ސިނާއަތް ކުރިއަރުވަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ މިންވަރު ހާމަވާކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވުވެވަޑައިގަތުމަށްފަހު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް އިތުރުވެފައިވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އުފެއްދުންތެރިކަން 6.6 ބިލިޔަން އެމެރިކާ ޑޮލަރުގައި މިއަދު ހުރީ. އެއީ ގާތްގަނޑަކަށް 1990 ގައި 215 މިލިޔަން ގައި ހުރި އުފެއްދުންތެރިކަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ވައުދުވެވަޑައިގެންނެވި ގޮތަށް ދިވެހި ވިޔަފާރިވެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފަސޭހަކަމާއިއެކު ފޯރުކޮށް، ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭނެ ނިޒާމް ޤާއިމްކުރެވިގެންދިއުންކަމަށެވެ. އަދި ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އެހެން ސިނާއަތްތައްވެސް ކުރިއަރުވައި، އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތާއެކު އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.