ސިއްހަތު

"ހުޅުމާލޭ ހޮސްޕިޓަލް 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރަނީ"


ކުރިއަށް އޮތް އެއްއަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލަކީ 100 އެނދުގެ ޖާގައިގެ ހޮސްޕިޓަލަކަށް ހެދުމަކީ އަމާޒެއްކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލު ހިންގުން އާސަންދައިގެ ދަށަށް ސަރުކާރުން ބަދަލުކުރެއްވުމާއެކު، އެކުންފުނިން އަންނީ ހުޅުމާލޭ ހޮސްޕިޓަލްގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ގާތްގަނޑަކަށް 50،000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހުޅުމާލޭގައި މިވަގުތު ޞިއްޙީ ޚިދުމަތް ދެމުން އަންނަނީ 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއްގައެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ޖުމްލަ 13 ސްޕެޝަލިސްޓުންނާއި، 15 މެޑިކަލް އޮފިސަރުން އަދި 77 ނަރުހުން މަސައްކަތް ކުރަމުންދެެއެވެ. ނަމަވެސް މިއީ އެވަރުގެ ބޮޑު އާބާދީއަކާއި އަޅާބަލާފައި، އެންމެ އެކަށީގެންވާ ޢަދަދު ނޫންކަން އާސަންދަ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން އެކުންފުނިން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ދެމުންދާ ޚިދުމަތްތައް އެންސްޕްއާ ގުޅިގެން އިތުރަށް ފުޅާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

img:http://s4.psmnews.mv/images/660x400/14691787318370.jpg|ހުޅުމާލޭ ހޮސްޕިޓަލުގެ އެތެރެ- ފޮޓޯ: ޕީއެސްއެމް

އެންސްޕާގެ ސީ.އީ.އޯ މުޖުތަބާ ޖަލީލު ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، އެތަނުގައި ނަމާދުކުރުމާއި، ކެންޓީނެއް ނެތުންފަދަ ޢާއްމުންނާ ގުޅުންހުރި ޚިދުމަތްތައް ލިބެން ނެތުންކަމަށެވެ. އެހެންކަމުން ހޮސްޕިޓަލްގެ ގޯތިތެރޭގައި ކެންޓީނަކާއި، އަންހެނުންނަށާއި، ފިރިހެނުންނަށް ނަމާދުކުރެވޭނެ ތަނެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މުޖުތަބާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14691789872295.jpg|ހުޅުމާލޭ ހޮސްޕިޓަލް ތަރަށްޤީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އާ ފެސިލިޓީސްތައް ޤާއިމްކުރާނެ ތަންތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭ ހޮސްޕިޓަލްގެ ލެބޯރަޓަރީގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލުން ބައެއްކަހަލަ ތަޙްލީލުތަކާއި، އޮޕަރޭޝަންތައް ކުރެވެން ނެތުމަކީވެސް ހޮސްޕިޓަލް ހިންގުމަށް ދިމާވެފައިވާ ގޮންޖެހުމެއްކަން އާސަންދަ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން މިވަގުތު އެންމެ ބާރު ދުވެލީގައި ކުރަމުން އަންނަ އެއް މަސައްކަތަކީ ހޮސްޕިޓަލުގެ ލެބޯރަޓަރީގެ ޖާގަ ބޮޑުކުރެއްވުމުގެ މަސައްކަތެވެ. ލެބޯރަޓަރީގެ ޖާގަބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަސް ތެރޭ ނިންމާ، އެތަނުގެ ބޭނުން ހިފޭ ވަރުވާނެކަމަށް އާސަންދައިން މައުލޫމާތުދެއެވެ. އެއާއެކު، ހުޅުމާލޭ ހޮސްޕިޓަލުން މިވަގުތު ނެހެއްދޭ ބައެއް ޓެސްޓުތައް ފަސޭހަކަމާއެކު އެތަނުން ހެެއްދިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ. ހަމައެހެންމެ އެ ހޮސްޕިޓަލުގައި އެކިކަހަލަ ކަށީގެ އޮޕަރޭޝަންތައް ކުރުމުގެ ތައްޔާރީތައް ކަމާބެހޭ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ކުރަމުންދާކަމަށްވެސް އާސަންދައިން ހާމަކުރެއެވެ.

img:http://s4.psmnews.mv/images/660x400/14691791029692.jpg|ހުޅުމާލޭ ހޮސްޕިޓަލް ތަރަށްޤީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އާ ފެސިލިޓީސްތައް ޤާއިމްކުރާނެ ތަންތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން މޯލްޑިވް ގޭހުގެ އެހީތެރިކަމާއެކު، ހުޅުމާލޭ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށް އެބަގެންދެއެވެ. މި ޕްލާންޓްގެ ސަބަބުން، ހޮސްޕިޓަލުގެ އެތެރޭގައި އޮކްސިޖަން ސިލިންޑަރުތައް އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ބަދަލުގައި، ސީދާ ބަލިމީހާ އޮންނަ އެނދާ ގުޅާލުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ހަމައެހެންމެ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ހޯދުމާއި، އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާ ގުޅިގެން ގެންދަނީ ކުރަމުންނެވެ.