ޚަބަރު

ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި ތަރައްޤީކުރަނީ


  • ފުލުހުންގެ ޚިދުމަތް އަންނަނީ ފުޅާކުރަމުން

  • ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި މިހާރު ބޭނުންކުރަނީ ޝަހީދު ހުސައިން އާދަމް ބިލްޑިން

ދިވެހި ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި އަޅަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލެވެ. މިމަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި މިހާރު ބޭނުންކުރަމުން ދަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންއެވެ. މިއީ 1999 ވަނަ އަހަރު ހުޅުވި އިމާރާތެކެވެ. ޝަހީދު ހުސެއިން އާދަމް އިމާރާތް އެންމެ ފުރަތަމަ ބޭނުން ކުރީ ފުލުހުންނާއި ސިފައިންނެވެ. އެ އިމާރާތް ފުލުހުންނަށް ޚާއްސަ ކުރީ ފުލުހުންނާއި ސިފައިން ވަކިވި ހިސާބުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކްރިމިނަލް އިންވެސްޓިގޭޝަނަށް އިމާރާތެއް ވަނީ ޚާއްސަކޮށްފައެވެ. ހުޅުމާލެއަށް ފުލުހުންގެ މައި އިދާރާ ބަދަލުކުރުމަށް ނިންމާފައިވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައިވެސް ޕޮލިސް ސްޓޭޝަނެއްވަނީ ޤާއިމްކޮށްފައެވެ.