ދިވެހިރާއްޖޭގައި ފަޤީރުން މަދުކުރުމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކުން މަޝްވަރާތައް ފަށައިފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް މުއައްސިސުންނާއި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ފުދުންތެރިކަން ދަށް ޢާއިލާތަކަށް ނުވަތަ ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
• އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން
• އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން
• ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
• އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން
މޯލްޑިވްސް އިސްލާމިކް ބޭންކުން ވިދާޅުވީ މިއީ ދިވެހި މުޖުތަމަޢުގައި ތިބި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއްކަމުގައެވެ. އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރުވެސް ގާތުން މަސައްކަތްކުރަމުންދާއިރު، އެ ވުޒާރާއާއެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ބަދަލުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.
މާލީ ފުދުންތެރިކަން ނެތް މީހުންނަށް އެހީވުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ތަޢުލީމް ހާސިލް ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މިދިޔަ އަހަރުން ފެށިގެން ފަޤީރުންގެ ލިސްޓުގަ ހިމެނޭ މީހުންގެ ތެރެއިން ވަކި އަދަދެއްގެ މީހުން ކޮންމެ އަހަރަކުވެސް ޙައްޖައް ގެންދިއުމުގެ ކަންކަންވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.