މުނިފޫހިފިލުވުން

ނާޝިދުގެ ޓްރިބިއުޓް ޝޯވގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ޒީރޯ ޑީގްރީ ނާޝިދަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން މިއުޒިކް އިން ސޯޝަލް ކޮމިއުނިޓީ، މިސްކް މަޖައްލާއިން ބާއްވާ މިއުޒިކް ޝޯގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ދެފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ.

ރާއްޖެއަށް ޒަމާނީ މިއުޒިކް ތާޢާރަފްކުރުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ، ޒީރޯޑިގްރީ ނާޝިދުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، ގިނަ އަދަދެއްގެ ޒުވާނުންގެ އެދުމުގެ މަތިން މިސްކް އިން ބާއްވާ މި ޓްރިބިއުޓް ބޭއްވުމަށް ހަމަޖެހިފައިވައިފަނީ ސެޕްޓެމްބަރ މަހުގައެވެ. 

މި ޝޯވގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އެޑިޓަރ އިބްރާހީމް ރަޝީދުއެވެ. މިއުޒިކް މަޖައްލާގެ ފަރާތުން ސޮއިކުރެއްވީ އެމަޖައްލާގެ ފައުންޑަރ އެޑިޓަރ ރިޢާޔަތު ޢަބްދުލް މަޖީދެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޗީފްކޮންޓެންޓް އޮފިސަރ އިބްރާހީމް ރަޝީދު ވިދާޅުވީ އަމިއްލަ ޖަމްޢިއްޔާ ޖަމާތްތަކުން ކުރާ މިފަދަ ކަންތައްތަކުގައި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ޕީއެސްއެމްގެ ޕުލެޓްފޯމް އޮންނާނީ އަބަދުވެސް ތައްޔާރަކަމަށެވެ.

ރިޢާޔަތު ވިދާޅުވީ މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮލިމްޕަހުގައި ކަމަށާއި، މި ޝޯއަކީ އާންމުންނަށް ހުޅާވާލައިގެން ބާއްވާ ޝޯއެއްކަމަށެވެ. ޒީރޯޑިގްރީ ނާޝިދަށް ޚާއްޞަކޮށްގެން ބާއްވާ މި ޓްރިބިއުޓް ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްއިން ވަގުތުން ދުރަށް ދައްކާނެއެވެ.