ޚަބަރު

"އިންޑިއާ ކަނޑުގެ ސަލާމަތަށް ސަރަހައްދީ ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ"


  • އައިއޯއާރުއޭ 24ވަނަ ވަޒީރުންގެ ބައްދަލުވުން ވަނީ ކުރިއަށްގެންގޮސްފައި

  • ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވި

އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރަހައްދީ ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، އައިއޯއާރުއޭގެ 24ވަނަ ވަޒީރުންގެ ބައްދަލުވުމުގައި ދެއްވި ސްޓޭޓްމަންޓެއްގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ "ސަސްޓެއިނަބަލް އިންޑިއަން އޯޝަން ފޮރ ފިއުޗަރ ޖެނެރޭޝަންސް" ތީމަށެވެ. މިބައްދަލުވުން ކުރިއަށްދިޔައީ އޮންލައިންކޮށެވެ.

އައިއޯއާރުއޭގެ ބައްދަލުވުމަށް ދެއްވި ސްޓޭޓްމަންޓްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ސަރަހައްދީ ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މި ބައްދަލުވުމުގައި އައިއޯއާރުއޭގެ 23 މެންބަރު ޤައުމު ބައިވެރިވިއެވެ.

އައިއޯއާރުއޭއަކީ އިންޑިޔާ ކަނޑުގައި ހިމެނޭ ސަރަހައްދުގައި އޮންނަ ޤައުމުތައް ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމަށް 1997 ވަނަ އަހަރު އުފެއްދި ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ.

އައިއޯއާރުއޭގެ މެންބަރު ޤައުމަކަށް ރާއްޖެވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.