ޚަބަރު

"ޓިމޯ ލެސްޓޭ މެޗަށް ފުރުމުގެ ކުރިން ގައުމީ ޓީމުން ދެ ފަރިތަކުރުމެއް ބާއްވާނެ"


2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރުމުގެ ކުރިން ރާއްޖޭގައި ދެ ފަރިތަކުރުމެއް ބާއްވާނެ ކަމަށް ޓީމު ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ސުޒެއިން މިހެން ބުނީ ޓިމޯ ލެސްޓޭ މެޗު އޮންނާނީ އޮސްޓްރޭލިއާގެ ޑާވިންގައި ކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާނުކުރުމާއި ގުޅިގެން ރާއްޖޭން ވަމުންދާ ތައްޔާރީތައް "ޕީއެސްއެމް ނިއުސް" އާއި ހިއްސާކުރަމުންނެވެ.

ޤައުމީ ޓީމުން އެންމެ ފަހުން ކުޅުނު ހުރިހާ މެޗެއްގައިވެސް އިރުޝާދުދިން ތަޖުރިބާކާރު ކޯޗު ސުޒެއިން ބުނީ ޓިމޯ ލެސްޓޭ މެޗަށް ދާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ސިންގަޕޫރުގައި ކޭމްޕު ކުރުމަށްފަހުކަމަށެވެ. ރާއްޖޭން ސިގަޕޫރުގައި އެގައުމާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 5 ގައެވެ. އެމެޗު ކުޅުމަށް ޤައުމީ ޓީމު ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައިވަނީ ޖޫން 2 ގައެވެ. އެއަށްފަހު ރާއްޖެ ނައިސް ގައުމީ ޓީމު ފުރާނީ އޮސްޓްރޭލިއާއަށެވެ.

އޭއެފްސީ ކޮލިފައިން މެޗަށް 10 ޖޫންގައި ރާއްޖެ ނިކުންނަން ޖެހޭއިރު މިހާރު ކުރިޔަށް ގެންދާ އެފްއޭއެމް ލީގު ކަޕް 2025 ގެ ސަބަބުން ޤައުމީ ޓީމަށް ފައިދާތަކެއް ކުރާނެ ކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ބުނެއެވެ.

ރާއްޖޭގެ ފުޓްބޯޅަ ވަރަށް އަޑި އަޅާލާފައިވަނިކޮށް އަލުން ކުޅުންތެރިންނަށް މަތީ ފަންތީގެ ފުޓްބޯޅަ، ވާދަވެރިގޮތަކަށް ކުޅެވޭނެ މަގު ތަނަވަސްވީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓްމަހަށް ފަސްކުރުމަށް ފީފާއާއި އޭއެފްސީން ލަފާ ދިނުމާއި ގުޅިގެން، އެފްއޭއެމުން ފެށި ކުރު ފުޓްބޯޅަ މުބާރާތް، ލީގު ކަޕުގެ ސަބަބުންނެވެ. ލީގު ކަޕުގައި ރާއްޖޭގެ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ކުޅެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅުމަށްވަނީ ތާވަލްކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފިލިޕީންސް މެޗަށްފަހު، ޖޫން 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެއަށްފަހު އޮންނާނީ އޮކްޓޯބަރު ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 14ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއެވެ. އަދި ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.