ޚަބަރު

ކޮނޑު ހުޅުގެ ސާރޖަރީއަކަަށްފަހު ބެލިންހަމް އަށް ސީޒަންގެ ކުރީކޮޅު ނުކުޅެވޭނެ


ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ ކޮނޑު ހުޅަށް ލިބިފައިވާ އަނިޔާއިން ރަގަޅުވުމަށް ކުރުމަށް ހަމަޖެހިފައިވާ ސާރޖަރީއަށްފަހު އަންނަ ސީޒަނުގެ ކުރީކޮޅު އޭނާއަށް ނުކުޅެވޭނެކަމަށް އެ ކްލަބުން ބުނެފި އެވެ.

އަންނަ މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕަށްފަހު ބެލިންހަމްގެ ކޮނޑު ހުޅުގެ ސާރޖަރީއެއް ހެދުމަށް ނިންމާފައިވާކަމަށް ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމުން ވަނީ ބުނެފަ އެވެ. އަދި މި ސާރޖަރީ އާއި ގުޅިގެން އޭނާއަށް އަންނަ ސީޒަނުގެ ފުރަތަމަ ހަ ހަފްތާގައި ނުކުޅެވޭނެ އެވެ.

އުމުރުން 21 އަހަރުގެ ބެލިންހަމްގެ ކޮނޑު ހުޅަށް ފުރަތަމަ އަނިޔާވެފައިވަނީ 2023 ވަނަ އަހަރު އެވެ. އަދި މި ހުރިހާ ދުވަހު އޭނާ ކުޅެމުން ގޮސްފައިވަނީ އެކަމަށް ދާއިމީ ފަރުވާއެއް ނުހޯދަ އެވެ. އަދި ކޮންމެ މެޗަކަށް އޭނާ ނިކުންނަނީ ކޮނޑު ހުޅު ޓޭޕް ކުރުމަށްފަހުގަ އެވެ.

ބެލިންހަމް އަށް އަންނަ ސީޒަން ފެށުމުގެ ކުރިން ކުރިއަށް ގެންދާ ޕްރީ ސީޒަންވެސް ގެއްލިގެންދާއިރު ވޯލްޑްކަޕް ކޮލިފައިންގައި އެންޑޯރާ އާއި ސާރބިޔާ އާއި ދެކޮޅަށް އިނގިރޭސިން ކުޅޭ ދެ މެޗުވެސް އޭނާއަށް ގެއްލޭނެ އެވެ.

އެންޑޯރާ އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ސެނެގާލް އާއި ދެކޮޅަށް އިނގިރޭސިން ކުޅޭ އެކުވެރިކަމުގެ މެޗަށް އެކުލަވާލާ އިނގިރޭސި ޓީމުގެ ސްކޮޑް މާދަމާ ކޯޗު ތޯމަސް ޓުޗޭލް އިއުލާން ކުރާނެ އެވެ. ނަމަވެސް ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ކުޅުންތެރިންނަށް މި ސްކޮޑުން ފުރުސަތު ލިބޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ޖޫޑް ބެލިންހަމް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވަނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އިން 115 މިލިއަން ޕައުންޑުގެ ފީ އަކަށެވެ.