ވިޔަފާރި

ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 571 މިލިއަން ރުފިޔާ


މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު، ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ސާފު ފައިދާގެ ޢަދަދު އިތުރުވެފައިވާކަމަށް އެބޭންކުން ހާމަކޮށްފިއެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ސާފު ފައިދާގެ ގޮތުގައި 571 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ނެރުނު ކުއާޓަރލީ ރިޕޯޓުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެ ބޭންކަށް ލިބުނު ސާފު ފައިދާގެ މިންވަރު ވަނީ 152 އިންސައްތައަށް މައްޗަށް ޖެހިފައެވެ.

img:http://s2.psmnews.mv/images/660x400/9364.jpg|ބީއެމްއެލްގެ އޭޓީއެމްތަކަކުން ބަޔަކު ޚިދުމަތް ހޯދަނީ / ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހާލަތު ކުރިއަރަމުންދާއިރު، ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ލިބުނު ސާފު ފައިދާ،  571 މިލިއަން ރުފިޔާއަށް އަރާފައިވާއިރު މިމުއްދަތުގެ ތެރޭގައި ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައި، ދޫކޮށްފައިވާ ލޯނު ވެސް ވަނީ އިތުރުވެފައެވެ. ތަފާސް ހިސާބުގެ މިނަތީޖާއިން ދައްކާ ގޮތުން މި ވޭތުވި 6 މަސްދުވަސް ވެފައިވަނީ އެބޭންކުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް 6 މަސްދުވަހަށެވެ. އަދި ރައުސްމާލުގެ ފުއްދުންތެރިކަމުގެ މިންވަރުވެސް ގާނޫނުން ލާޒިމްކުރާ މިންގަނޑުތަކަށްވުރެ އިތުރަށް ބެހެއްޓިފައިވާކަމަށްވެސް އެބޭންކުން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14690020535422.jpg|ބީއެމްއެލް މޯބައިލް ޕޭގެ ޚިދުމަތް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ބީއެމްއެލް

ބޭންކަށް މާލީގޮތުން ލިބޭ ނަފާ އަނބުރައި، މުޖުތަމައަށް ބޭނުން ހިފޭ ގޮތް ހެދުމަށް މުޅި ރާއްޖެއަށް ހިންގާ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމް އެބޭންކުން ފައްޓަވައި ކުރިއަށް އެބަދެއެވެ. މިޕްރޮގްރާމުގެ ދަށުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ އެބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލްކުރުމުގެ ގޮތުން ބީއެމްއެލްއިން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެ ބޭންކުގެ ބްރާންޗް ގާއިމްކޮށް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ޚިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން ދާދި ފަހުން ބޭންކުން ވަނީ، ހައުސިން ސެކްޓަރ ލޯނުތަކުގެ އިންޓްރެސްޓުން 2 އިންސައްތަ ދަށްކޮށް، ޕަރސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން 6 އިންސައްތަ ދަށްކޮށްފައެވެ.