ކުޅިވަރު

27 ސްކޫލާއެކު މައިލޯ އެޓޯލް އެތްލެޓިކްސް މީޓް ފުވައްމުލަކުގައި


27 ސްކޫލާއެކު މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް މިއަދު ހެނދުނު ފުވައްމުލަކުގައި ފަށައިފިއެވެ. މިއަދު ހެނދުނު ގިނައިން ކުރިއަށްގެންދިޔައީ ހީޓްގެ އިވެންޓްތަކެވެ. ފައިނަލް ހަތަރު އިވެންޓެއް ކުރިއަށްގެންދިޔަނަމަވެސް ނަތީޖާ އިއުލާންކޮށް މެޑަލް ދިނީ ދެ އިވެންޓަކުންނެވެ. އެއީ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިސްކަސް އިވެންޓާއި، 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޝޮޓް ޕުޓެވެ. ޑިސްކަސް އިވެންޓުން އެއްވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޝާހާ ޝަހީމްއެވެ. ދެވަނަ ހޯދީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ފާޠިމަތު ޖުމާއެވެ. ތިންވަނަ ހޯދީ ހުވަދޫ ސްކޫލްގެ އައިޝަތު ޝިފާއެވެ.

ޝޮޓް ޕުޓް އިވެންޓުން އެއްވަނަ ހޯދީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު މާދުއެވެ. ދެވަނަ ހޯދީ ހުވަދޫ ސްކޫލްގެ ޖުމާން ރަޝީދުއެވެ. ތިންވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ އަމީ ޝައްފާހު ޝަފީއުއެވެ. މިއަދު ހެނދުނު ދެން ނިމުނީ އެގާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ސޮފްޓް ބޯލް ތްރޯއާއި، 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންޖް ޖަމްޕު އިވެންޓެވެ.

މިމަހުގެ 24 ގެ ނިޔަލަށް ފުވައްމުލަކުގައި ކުރިއަށްގެންދާ އެތްލެޓިކްސް މީޓްގައި އުތުރާއި ދެކުނުގެ ރަށްރަށުގެ ސްކޫލްތަކާއި، މާލޭގެ ސްކޫލްތަކުންވެސް ވާދަކުރެއެވެ. އިވެންޓް ކުރިއަށްގެންދިއުމުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ބޭފުޅުންނާއެކު ވަރަށްގިނަ ފުވައްމުލަކުގެ ވޮލަޓިއަރުންވެސް ބައިވެރިވެއެވެ. އަތޮޅު ކައުންސިލާއި، ފުވައްމުލަކުގެ ސްކޫލްތަކާއި އިދާރާތަކުގެ ބައިވެރިވުންވެސް މިއިވެންޓް ކުރިއަށްގެންދިއުމުގައި ލިބެމުންދެއެވެ. އިވެންޓްތައް މިއަދު ހެނދުނު ފެށި ނަމަވެސް ރަސްމީކޮށް މި އެތްލެޓިކްސް މީޓް ފަށާނީ މިއަދު ހަވީރުއެވެ.