ފްރެންޗް ލީގު ވަންގައި ރޭ އޮކްސެއާ އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު ފަހަތުން އަރާ 3-1 ގެ ނަތީޖާ އަކުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.
ލީގުގައި ބާކީ ހަ މެޗު އޮއްވާ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ ޕީއެސްޖީ އިން ވަނީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އަމިއްލަ ދަނޑުގައި ލީގުގެ ފަހު މެޗު ރޭ ޕީއެސްޖީ އިން ކުޅުނުއިރު މި މެޗަށްފަހު ލީގު ޗެމްޕިއަންކަމުގެ ތަށި ވަނީ އެ ޓީމަށް އަރުވާފަ އެވެ.
މި މެޗުގެ 30 ވަނަ މިނިޓުގައި އޮކްސެއާގެ ލަސީން ސިނަޔޯކޯ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޕީއެސްޖީ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި ކެޕްޓަން މާކީނިއޯސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ކްވިޗާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު މި މަހުގެ 24 ވަނަ ދުވަހު އެ ޓީމުން ނިކުންނާނީ ފްރެންޗް ކަޕްގެ ފައިނަލުގައި ރެއިމްސް އާއި ދެކޮށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ނިކުންނާނެ އެވެ. މީގެ އިތުރުން އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައިވެސް ޕީއެސްޖީ އިން ވާދަކުރާނެ އެވެ.
އެހެންކަމުން މި ސީޒަނުގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތު އެ ޓީމަށް އަދިވެސް އެބައޮތެވެ. މީގެ ތެރެއިންވެސް ޕީއެސްޖީ އިން އެންމެ ބޮޑަށް ބޭނުންވާ ތަށްޓަކީ ޗެމްޕިއަންސް ލީގުގެ ޓްރޮފީ އެވެ. މީގެ ކުރިން އަދި އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.