ކުޅިވަރު

ގައުމީ ދިގުފެތުމުގެ މުބާރާތް: މި ފަހަރުވެސް ޗެމްޕިއަންކަން ރިހާން އާއި އަޔާނާއަށް


ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 16 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތުގެ ފަސް ކިލޯމީޓަރުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މުޙައްމަދު ރިހާން ޝިހާމް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން އަޔާނާ އަރީފް ދިފާއުކޮށްފިއެވެ.

ކ. ކުޑަގިރީގައި ކުރިއަށްދިޔަ ހޮނިހިރުބ ދުވަހު ކުރިއަށްދިޔަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ރިހާން ހޯދީ ރަނގަޅު ލީޑަކާ އެކު އެވެ. ދެ ވަނައިގައި ނިންމީ ޝައިމް ހުސެއިން އިބްރާހީމެވެ. އަދި އަންހެން ބައިން އަޔާނާ ހޯދީ، ލައިލީ އަޙްމަދު ނަވާޒްއާ ވާދަކޮށެވެ.

މި މުބާރާތުގައި ހުރިހާ ކެޓެގަރީއަކުން ޖުމްލަ 281 ފެތުންތެރިން ވާދަކުރިއެވެ.

އެގޮތުން ގައުމީ ފަސް ކިލޯމީޓަރުގެ ކެޓެގަރީގައި އަންހެން 10 ފެތުންތެރިން އަދި ފިރިހެން 14 ފެތުންތެރިން ވާދަކުރިއެވެ. އަދި ތިން ކިލޯމީޓަރުގެ ޖޫނިއަރ ބައިގައި އަންހެން 8 ފެތުންތެރިންނާއި ފިރިހެން 24 ފެތުންތެރިން ފެނިގެންދިޔައެވެ.

މުބާރާތުގެ އެއް ކިލޯމީޓަރުގެ ކޮމިއުނިޓީ މާސް އިވެންޓް ބައިގައި، ފިރިހެން 63 ފެތުންތެރިންނާއި އަންހެން 36 ފެތުންތެރިން ވާދަކުރިއިރު، މާސްޓާސް އިވެންޓުގައި ވާދަކުރީ ހަތް ފިރިހެން ފެތުންތެރިންނެވެ. އަދި އިއޭޑީ ކެޓެގަރީގައި ފިރިހެން ނުވަ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިން ފެނިގެންދިޔައެވެ.

މީގެ އިތުރުން 0.5 ކިލޯމީޓަރު ފަތަން ޖެހޭ ކިޑްސް ސްވިމް ކެޓެގަރީގައި 66 ފިރިހެން ފެތުންތެރިންނާއި 42 އަންހެން ފެތުންތެރިން ވާދަކުރިއެވެ.

މިއީ އޯޕަން ވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބޭއްވި ތިންވަނަ ފަހަރެެވެ.