ކުޅިވަރު

އިންޑިއާއަށް މެސީ ނުގެންދެވުނު، މެޗުވެސް ކެންސަލް


އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އަންނަ އޮކްޓޫބަރު މަހު އާޖެންޓީނާގެ ގައުމީ ޓީމު އިންޑިއާއަށް ދާން އޮތް ދަތުރު ކެންސަލްކޮށްފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި އާޖެންޓީނާ ކެރެލާއަށް ގެންދަން މަސައްކަތް ކުރީ ކެރެލާގެ ސްޓޭޓް ސަރުކާރުންނެވެ. ނަމަވެސް އާޖެންޓީނާއިން މި ދަތުރު ކެންސަލް ކުރީ އެޑްވާންސަށް ދޭން ޖެހޭ ފައިސާ ކެރެލާ ސަރުކާރަށް ނުދެވުމުންނެވެ.

މިކަމުގެ ކެރެލާ ސަރުކާރުން ބުނީ ސްޕޮންސާ ދޭން ބުނި ފަރާތްތަކުން އެންމެ ފަހު ވަގުތު ފައިސާ ނުލިބުނު ކަމަށެވެ.

އާޖެންޓީނާ އާއި ކެރެލާ ސަރުކާރުން އެއްބަސްވީ މި ދަތުރުގެ އަގަކަށް އެއް ބިލިއަން އިންޑިޔާ ރުޕީސް ދިނުމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި މީގެ 30 ޕަސެންޓް ދިނުމަށެވެ. ނަމަވެސް އެޑްވާންސް ފައިސާ ނުލިބި ތިން މަސް ވުމުން އާޖެންޓީނާގެ ފެޑަރޭޝަނުން މިހާރު ވަނީ ދަތުރު ކެންސަލްކޮށްފަ އެވެ.

އަދި މިހާރު ވަނީ އޮންޓޫބަރު މަހާއި ނޮވެމްބަރު މަހު ކުޅޭނެ މެޗުތައް އިއުލާނުކޮށްފަ އެވެ. އާޖެންޓީނާ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗައިނާ އާއި އެންގޯލާ އަދި ގަތަރާއެކު މި މުއްދަތުގައި މެޗުތައް ކުޅޭނެ ކަމަށެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން އަދި ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބާސެލޯނާގެ ކުރީގެ ކެޕްޓަން މެސީ އެންމެ ފަހުން އިންޑިޔާގައި މެޗެއް ކުޅުނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ އާޖެންޓީނާގެ ގައުމީ ޓީމާއި ވެނެޒުއޭލާގެ ގައުމީ ޓީމު ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި ކުޅުނު މެޗުގަ އެވެ. އެ ފަހަރު އެ މެޗު 1-0އިން ކާމިޔާބު ކުރީ ވެސް އާޖެންޓީނާ އެވެ.